ކޮވިޑް-19އަށް އިތުރު 133 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ޕޮޒިޓިވްވި 133 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 117 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 12 މީހުންނާއި، ސިނާއީ ރަށްތަކުން ޕޮޒިޓިވްވި 4 މީހުންނެވެ.
ފާއިތުވި 24 ގަޑިއިރު 4742 ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވެއެވެ. ފާއިތުވި 24 ގަޑިއިރު 133 މީހުން ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގައި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 19،479ށް އަރާފައެވެ. މިހާތަނަށް 17،002 މީހަކު ބަލިން ފަސޭހަވެފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 164 މީހެކެވެ. މިއާއެކު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 2410 ގައެވެ. 162 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް 514،619 ސާމްޕަލް ނަގާ ވަނީ ޓެސްޓް ކޮށްފައެވެ.
މި ބަލީގައި މިހާތަނަށް 60 މީހަކު ވަނީ ރާއްޖޭގައި ނިޔާވެފައެވެ. ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް އިތުރުވެ އެ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު ވަނީ 100ން މައްޗަށް އަރާފައެވެ. އަދި ކޭސްތައް އިތުރުވެގެން ގޮސްފައިވާއިރު، އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ 181 ކޭސްއެވެ.
ކޮވިޑްގެ ތިންވަނަ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު، ރައްޔިތުން ކޮވިޑް ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. އަޙްމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ. ޝަހީދު ވިދާޅުވީ ކޮވިޑްގެ ތިންވަނަ ރާޅާއިއެކު ކޭސްތައް އިތުރުވާ މިންވަރުވަނީ ބޮޑުތަނުން އިތުރުވެފައި ކަމަށާއި، އެއާއިއެކު އެޗްއީއޯސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ވެސް ބަލި އާންމުން ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށެވެ. އަދި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވެސް ވިދާޅުވީ، އެޗްއީއޯސީ އަދި ސަރުކާރުގެ ވިސްނުމަކީވެސް ލޮކްޑައުނަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރުން ކަމަށާއި، ލޮކްޑައުން ކުރުމުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ.