ކ. މާލެ
|
26 ފެބްރުއަރީ 2021 | ހުކުރު 15:51
މީގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
މީގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
އެފްއޭއެމް
ފަރިތަކުރުންތައް ފެށުމުގެ ހުއްދަދިނުން
ފަރިތަކުރުންތައް ފެށުމާ ގުޅޭ ގޮތުން އެފްއޭއެމުން ކުލަބުތަކާއެކު މަޝްވަރާކުރަނީ
 
ފަރިތަކުރުންތައް ފެށުމުގެ ހުއްދަދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައި
 
އެކަމަކު ފަރިތަކުރުންތައް ފެށުން އިތުރު ދެ ހަފުތާއަށް ފަސްކުރުމަށް އެދިފައިވޭ

އައު އުސޫލުތަކާ އެއްގޮތަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދިން ނަމަވެސް، އަދި ދެ ހަފުތާއަށް ފަރިތަކުރުންތައް މަޑުޖައްސާލުމަށް އެދިފައިވާތީ އެ ކަމާ ގުޅޭގޮތުން ގޮތެއް ނިންމަން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އައު އުސޫލުތަކުގެ ދަށުން ކުލަބުތަކަށް ފަރިތަކުރުންތައް ކުރިއަށްގެންދިޔުމުގެ ހުއްދަދީފައިވާކަން އެޗްޕީއޭއިން އެންގީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެޑްރެސްކޮށް، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައިވާ ގޮތުން ފަރިތަކުރުންތައް ފެށުމުގެ ހުއްދަދިން ނަމަވެސް، ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވަމުން އަންނާތީ، ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވަނީ އަންގާފައެވެ. އަދި މި ދަނޑިވަޅުގައި ފަރިތަކުރުންތައް ފެށުން އިތުރު ދެ ހަފުތާއަށް ފަސްކުރުމަށްވެސް ވަނީ އެދިފައެވެ.

އެހެންކަމުން ފަރިތަކުރުންތައް ފެށުމާ ގުޅޭ ގޮތުން ކުލަބުތަކާ މަޝްވަރާކުރަމުން އަންނަކަން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ "ރާއްޖެ.އެމްވީ" އަށް ކަށަވަރުކޮށްދީފައެވެ.

ފަރިތަކުރުންތައް ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ ކޮވިޑުގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު އެޗްޕީއޭއިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުއެވެ. އެއާއެކު ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން އަލުން ފަރިތަކުންތައް ފަށައި، ލީގު ފެށުމުގެ ހުއްދަދިނުމަށް ގޮވާލާފައެވެ.

ލީގު އަލުން ފެށުމުގެ މަސައްކަތްކުރަމުން އަންނައިރު، ލީގުގައި ކުޅެމުން އަންނަ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، މި ސީޒަން ފެށުމަށް އެންމެ ފުރަތަމަ ކުލަބުތަކުން އޮކްޓޯބަރު މަހު ފަރިތަކުރުންތައް ފެށީވެސް އެފްއޭއެމާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. އަދި އޭގެ ފަހުން އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް