ދުނިޔޭގެ 100 ގައުމަކުން ކޮވިޑް-19 އަށް ވެކްސިން ޖަހަން ފަށާފައިވާއިރު، މިހާތަނަށް ވެކްސިންގެ 225 މިލިއަނަށްވުރެ ގިނަ ޑޯޒް އެކި ސަރަހައްދުތަކުގައި ވަނީ ޖަހާފައެވެ.
އެގޮތުން ބްލޫމްބަރގް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6.07 މިލިއަން ވެކްސިންގެ ޑޯޒް އެކި ސަރަހައްދުތަކުގައި ޖަހައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވެކްސިންގެ ޑޯޒް ޖަހާފައި ވަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން 68.3 މިލިއަން ޑޯޒް ވެކްސިން ޖަހާފައިވާއިރު، ޗައިނާއިން ވަނީ 40.5 މިލިއަން ޑޯޒް ޖަހާފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ހަލުވިކަމާއެކު ކުރިއަށްދާއިރު، އެގައުމުތަކުގައި މިހާތަނަށް 29 މިލިއަނަށް ވުރެގިނަ ޑޯޒް ވެކްސިން ޖަހާފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. ކޮވިޑް-19 ވެކްސިނޭޝަން ހަލުވި ކަމާއެކު ކުރިއަށް ގެންދާ އިނގިރޭސިވިލާތުން ވަނީ މިހާތަނަށް 19.4 މިލިއަން ޑޯޒް ޖަހާފައެވެ.
މީގެ އިތުރުން އަވައްޓެރި އިންޑިއާއިން 13 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާއިރު، ތުރުކީވިލާތުން ވަނީ 8 މިލިއަން ޑޯޒް ޖަހާފައެވެ. އަދި އިސްރާއީލުން 7.8 މިލިއަން ޑޯޒް ވެކްސިން ޖަހާފައިވާއިރު، ބްރެޒިލުން ވެސް ވަނީ 7.8 މިލިއަން ޑޯޒް ވެކްސިން ޖަހާފައެވެ.
ގައުމުތަކުން ކޮވިޑް-19ގެ ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް ބޭނުންކުރަމުން ދަނީ 10 ވެކްސިނެކެވެ. އެއީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިނާއި، މޮޑާނާގެ ވެކްސިންގެ އިތުރުން، ފައިޒަރ އާއި ބައޯއެންޓެކްގެ ވެކްސިން އަދި ސިނޮވެކްބައޯޓެކްގެ ވެކްސިން އާއި ގަމަލެޔާ އިންސްޓިޓިއުޓުން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިން އަދި ސަންސީނޯ ބަޔޮލޮޖިކްސްގެ ކޮވިޑް-19 ވެކްސިން އަދި ސިނޮޕަރމްގެ ދެ ވެކްސިނެވެ. އިންޑިއާގެ ބާރަތު ބައޯޓެކްގެ ވެކްސިނާއި ވެކްޓަރ އިންސްޓިޓިއުޓްގެ ކޮވިޑް-19 ވެކްސިން ދެ ގައުމަކުން ދަނީ ބޭނުން ކުރަމުންނެވެ.