ކ. މާލެ
|
25 ފެބްރުއަރީ 2021 | ބުރާސްފަތި 23:16
އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސޯޝަލް މީޑިއާ
އެމްޑީޕީން ކެމްޕެއިން އިފްތިތާހުކުރުން
1522 ކެންޑިޑޭޓުންނާއެކު އެމްޑީޕީން ރަށްވެހި ފަތިސް ކެމްޕެއިން އިފްތިތާހުކޮށްފި
 
ކައުންސިލް އިންތިހާބުގައި ނުވަ ސަތޭކަ އަށްޑިހަ ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭ
 
ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު

އެމްޑީޕީން 1522 ކެންޑިޑޭޓުންނާއެކު ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

"ރަށްވެހި ފަތިސް" ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ބޭއްވީ ވަރޗުއަލްކޮށެވެ. ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ހަފްލާ ބާއްވާފައިވަނީ މާލެއާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައެވެ. ރަށްރަށުން މިރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ވަރޗުއަލްކޮށެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރާއި އައްޑޫ ސިޓީ މޭޔަރ ކަމަށް ކުރިމަތިލައްވާ އަލީ ނިޒާރު ވަނީ ވާހަކަދައްކަވާފައެވެ. އަދި ފުވައްމުލަކު ސިޓީގެ މޭޔަރކަމަށް ވާދަކުރައްވާ އިސްމާއިލް ރަފީއު އަދި ކުޅުދުއްފުށި މޭޔަކުރަކަމަށް ވާދަކުރައްވާ އާތިފްވެސް ވަނީ ވާހަކަދައްކަވާފައެވެ.

އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށިއިރު ކެމްޕެއިން މެނޭޖަރަކަށް އައްޔަނުކޮށްފައިވަނީ އަހުމަދު ޝާހިދު (ސާބެ) އެވެ. ސާބެގެ ދަށުން ކެމްޕެއިންގެ ހަރަކާތްތަކުގައި ބާރަހާހަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރުމުގެ ކުރިންވެސް އެމްޑީޕީން ވަނީ އެކި ދާއިރާތަކާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކެމްޕެއިންގެ ހަރަކާތްތައް ހިންގާފައެވެ. އެގޮތުން ރަށްތަކަށް ސަރުކާރުން ކޮށްދީފައިވާ ކަންތައްތަކާއި ކޮށްދިނުމަށް ރާވާފައި ހުރި ކަންކަން ރައީސްއާއި ވަޒީރުން ބައިވެރިވެވަޑައިގެން ގެންދަވަނީ މި ކޮންފެރެންސް ތަކުގައި ހިއްސާކުރައްވަމުންނެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. ކައުންސިލް އިންތިޚާބުގެ ކުރިން މިހާތަނަށް އެމްޑީޕީއަށް ވަނީ 21 ގޮނޑި ކަށަވަރުވެފައެވެ. މީގެތެރެއިން 8 ގޮނޑި ކަށަވަރުވީ ވާދަކުރި ބައެއް ކެންޑިޑޭޓުން ނަން ނެގުމުންނެވެ. ދެން ހުރި ގޮނޑިތައް ކަށަވަރުވީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވުމުގެ ސަބަބުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ނުވަ ސަތޭކަ އަށްޑިހަ ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ. ރަށު ކައުންސިލްތަކުން ރައީސުންގެ ގޮތުގައި ސަތޭކަ ހަތްދިހަ ނުވަ މީހަކު އިންތިޚާބުކުރާއިރު އަތޮޅު ކައުންސިލަރުންގެ ގޮތުގައި އަށާރަ މީހަކު އިންތިހާބު ކުރަންޖެހެއެވެ. އަދި ހަތަރު ސިޓީއަކަށް މޭޔަރުންނާއި ކައުންސިލަރުން އިންތިޚާބުކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
100%
0%
0%
0%
0%
0%
ކޮމެންޓް