ކޮވިޑް-19އަށް އިތުރު 184 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ޕޮޒިޓިވްވި 184 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 145 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 24 މީހުންނާއި، ސިނާއީ ރަށްތަކުން ޕޮޒިޓިވްވި 5 މީހުންނެވެ.
ފާއިތުވި 24 ގަޑިއިރު 3993 ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވެއެވެ. ފާއިތުވި 24 ގަޑިއިރު 184 މީހުން ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގައި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 19،346ށް އަރާފައެވެ. މިހާތަނަށް 16،838 މީހަކު ވަނީ ބަލިން ފަސޭހަވެފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 192 މީހެކެވެ. މިއާއެކު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 2441 ގައެވެ. 162 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ. މީގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި 4 މީހަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. ފާއިތުވި 24 ގަޑިއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކަށް ބަދަލެއް ނާދެއެވެ. ރާއްޖެއިން މިހާތަނަށް 510،506 ސާމްޕަލް ނަގާ ވަނީ ޓެސްޓް ކޮށްފައެވެ.
ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން ނިސްބަތުން ގިނައީ ޒުވާނުންނެވެ. އެގޮތުން 21 އަހަރާއި 30 އަހަރާއި ދެމެދުގެ 4843 ޒުވާނުން ޕޮޒިޓިވްވެފައިވާއިރު، 31 އަހަރާއި 40 އަހަރާއި ދެމެދުގެ 4862 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ކުޑަކުދިން ޕޮޒިޓިވްވާ ނިސްބަތްވެސް ގިނައެވެ. އެގޮތުން ތުއްތު އުމުުރުފުރާއިން 10 އަހަރާއި ދެމެދުގެ 1657 ކުދިން ޕޮޒިޓިވްވެފައިވާއިރު، 11 އަހަރާއި 20 އަހަރާއި ދެމެދުގެ 1549 ކުދިންނާއި ޒުވާނުން ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލީގައި މިހާތަނަށް 60 މީހަކު ވަނީ ރާއްޖޭގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 5 މީހަކާއި ފިލިޕީންސްގެ މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.
ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް އިތުރުވެ އެ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު ވަނީ 100ން މައްޗަށް އަރާފައެވެ. އަދި ކޭސްތައް އިތުރުވެގެން ގޮސްފައިވާއިރު، އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ 181 ކޭސްއެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑްގެ ކޭސްތަކުގެ އަދަދުތައް ހުރީ ސްޓޭބަލް ވަރެއްގައި ކަމަށާއި، ދަށްވަމުން ނުދާ ކަމަށެވެ. އަދި ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް ދަށްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.