ލާމަރުކަޒީ ނިޒާމަކީ އަބަދުވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ވަކާލާތުކުރި ނިޒާމު ކަމަށާއި، ކޮވިޑް-19ގެ ހާލަތުގައި ފެނިގެންދިޔައީ ސިއްހީ ނިޒާމް ލާމަރުކަޒުވެފައި އޮތުމުގެ މުހިންމުކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗު ކުރުމަށް އެމްޑީޕީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކޮވިޑް-19ގެ ހާލަތުގައި ފެނިގެންދިޔައީ ސިއްހީ ނިޒާމު ލާމަރުކަޒުވެފައި އޮތުން ލާޒިމުކަން ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރަށްރަށުގައި ވަކިން ޓާސްކް ފޯސްތައް ހަދައިގެން ފުރިހަމަކުރި މުހިންމު މަސައްކަތްތައް ނުކުރިނަމަ އަތޮޅުތަކުގެ ހާލަތު ގޯސްވެގެން ދާނެ ކަމަށާއި، މިކަމަށް ބޭނުންވާ ލާމަރުކަޒީ ސިއްހީ އިޖާބައަށް ސަރުކާރު ފުރިހަމަ އަމާޒެއް ހިފާފައިވާ ކަމަށެވެ.
ކޮވިޑް-19އާ އެކު އެނގިގެންދިޔައީ ސިއްހީ ނިޒާމު ލާމަރުކަޒުވެފައި އޮތުމުގެ މުހިންމުކަން. ރަށްރަށުގައި ވަކިން ޓާސްކް ފޯސްތައް ހަދައިގެން ފުރިހަމަކުރި މުހިންމު މަސައްކަތްތައް ނުކުރިނަމަ އަތޮޅުތަކުގެ ހާލަތު ގޯސް ވީސް. މިކަމަށް ބޭނުންވާ ލާމަރުކަޒީ ސިއްހީ އިޖާބައަށް ސަރުކާރުން ފުރިހަމަ އާމާޒެއް ވާނީ ހިފައިފައި.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އެގޮތުން ސީޓީ ސްކޭންއާ އެމްއާރުއައި އަދި މިނޫންވެސް މިފަދަ ހުރިހާ ވަސީލަތަކާއި އެއާއި އެކަށޭނަ ސްޕެޝަލިސްޓުންނަކީ ހަމައެކަނި މާލޭގެ ބިމުން ފެންނަ ހުވަފެނެއް ނަމަވެސް އެހުވަފެނުން ހޭލައި ޓަރޝަރީ 5 ހޮސްޕިޓަލެއްގެ ޒަރީއާއިން ރާއްޖެ މިކަމުގައި ލާމަރުކަޒު ވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ކޮވިޑް-19ގެ ދަތިކަމުގެ ތެރޭގައި ވެސް ކާމިޔާބު މައިބަދައިގެ އޮޕަރޭޝަން އައްޑޫގައި ކުރެވިފައިވާ ކަމަށާއި ކުޅުދުއްފުށީގައި، ސީޓީ ސްކޭން ގާއިމް ކުރެވިފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ސަރުކާރުން ވަނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްގީކޮށް ބޭސްފަރުވާއަށް މާލެއަށް އަންނަ އައުން ހުއްޓުމަކަށް ގެނައުމެވެ. މީގެ އިތުރުން މިސަރުކާރުން ވަނީ ލ. އަތޮޅުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ނިންމާ އެކަމުގެ މަސައްކަތް ފަށާނެކަމަށް އިއުލާން ކޮށްފައެވެ.