މުޅި ރާއްޖެއިން މިހާތަނަށް ޖުމްލަ 90،865 މީހުން ކޮވިޑް-19ގެ ވެކްސިން ޖަހާފައިވާ ކަމަށް އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން ބުނީ ބުދަ ދުވަހު ރާއްޖެއިން ޖުމްލަ 5،755 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން 3،123 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަތޮޅުތެރެއިން ވެކްސިން ޖެހީ 2،632 މީހުންނެވެ. މިއާއެކު މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމްލަ 64،900ށް އަރާފައިވާއިރު އަތޮޅުތެރެއިން ވެކްސިން ޖެހީ 25،965 މީހުންނެވެ.
މި މަހުގެ އެއް ވަނަ ދުވަހު މުޅި ރާއްޖޭގައި ގައުމީ ވެކްސިން ޖެހުމުގެ ކެމްޕޭނެއް ފަށާފައިވާއިރު، މިހާރު ރާއްޖޭގައި އުމުރުން 25 އަހަރުން މަތީގެ އެންމެނަށް ވެސް ވެކްސިން ޖެހޭނެއެވެ. އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ ރައްކަލަކަށް އެފަދަ މީހުންގެ އެހީތެރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށްވެސް ވެކްސިން ޖަހަން ފަށާފައިވާއިރު އެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ.
ކުންފުނިތަކާއި ކުޅިވަރު ކުލަބު ޖަމިއްޔާތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުވައްޒަފުން، ގުރޫޕު ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައިވެސް ހިމެނޭ މީހުން އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނެ ވަކި އިދާރާއެއް ވަނީ ކަނޑައަޅާފައެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރައްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިން ފަށާފައިވާއިރު، ކޮންމެ ހަފުތާއެއްގެވެސް ހުކުރު ފިޔަވައި މާލެ އަދި ހުޅުމާލޭގައި ހެނދުނު 9:00ން ހަވީރު 4:30ށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އަދި ވިލިމާލޭގައި ހެނދުނު 9:00ން މެންދުރު 1:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެކްސިން ފޮނުވާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.