ނައިބް ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނައިބް ރައީސް އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ފަރުވާ ދެއްވަމުން ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށެވެ.
ނައިބް ރައީސްގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން މަބްރޫކް ވިދާޅުވީ އެމަނިކުފާނު އެޑްމިޓްކުރެއްވީ ހުން ގަދަވެގެން ކަމަށެވެ. އަދި ކޮވިޑް-19އަށް ޓެސްޓް ކުރެވުނު ކަމަށާއި، ނަތީޖާ ނެގެޓިވް ކަމަށެވެ. އަދި ސިއްހީ ހާލުކޮޅު ރަނގަޅުކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ސިއްހީ ހާލަތު ދެނެގަތުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ނައިބް ރައީސް ފައިސަލް ނަސީމް އެޑްމިޓްކޮށް ފަރުވާ ދެއްވަމުން ދާއިރު، އެ މަނިކުފާނު ވަނީ މި މަހުގެ 8 ވަނަ ދުވަހު ކޮވިޑް ވެކްސިން ޖައްސަވާފައެވެ.