ކ. މާލެ
|
24 ފެބްރުއަރީ 2021 | ބުދަ 13:44
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ރައްޔިތުންގެ މަޖިލިސް
ޤަރާރު ކޮމިޓީއަށް ފޮނުވުން
ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ފައިނޭންޝަލް ސިސްޓަމަށް ވަންނަމުން ނުދާކަމަށް ބުނެ ހުށަހެޅި ޤަރާރު ކޮމިޓީއަށް
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވި 30 މެންބަރުންގެ އިއްތިފާގުން މި ޤަރާރު ފޮނުވާފައިވަނީ މާލިއްޔަތު ކޮމިޓީއަށް
މި ޤަރާރަކީ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅާފައިވާ ޤަރާރެއް

ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުން ނުދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ޤަރާރަކީ ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅާފައިވާ ޤަރާރެކެވެ. ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވި 30 މެންބަރުންގެ އިއްތިފާގުން މި ޤަރާރު ކޮމިޓީއަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ. މި ޤަރާރު ފޮނުވާފައިވަނީ މާލިއްޔަތު ކޮމިޓީއަށެވެ.

މި ޤަރާރު ހުށަހަޅުއްވަމުން ހާރޫން ވިދާޅުވީ ކޮވިޑް-19 ރޯގާގެ ސަބަބުން މުޅި ދުނިޔެ އިޤްތިޞާދީގޮތުން ފުން ވަޅުގަނޑަކަށް ވެއްޓިފައިވާއިރު، ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ލާންޖެހުނު ކަމަށެވެ.

އަދި އިޤްތިޞާދީ ގޮތުންނާއި ތަރައްޤީގެ ގޮތުން ރާއްޖެ ކޮޅަށްޖެހުމުގެ މުހިންމުކަން އިންތިހާއަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި، ދިވެހިރާއްޖޭގައި ކުރެވޭ އެކިއެކި ވިޔަފާރިތަކުން ލިބޭ ފައިސާ ނުވަތަ އާމްދަނީގެ ބޮޑުބައެއް ރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގަމުންދާ ބޭންކްތަކަށް ނުވަތަ ފައިނޭންޝަލް ސިސްޓަމްތަކަށް ވަންނަމުން ނުދާކަމަށެވެ.

އެގޮތުން، ދިވެހިރާއްޖޭން ބޭރުގެ ބޭންކުތަކުގެ ޕީ.އޯ.އެސް ވެސް ދިވެހިރާއްޖޭގައި މިހާރު ބޭނުންކުރަމުން ދާކަން ފާހަގަ ކުރެވޭހިނދު އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ހަދާ ބުކިންގތަކުގެ ފައިސާ ވެސް ދިވެހިރާއްޖޭން ބޭރުގެ ބޭންކުތަކަށް ޖަމާކުރެވިގެން ދާކަން ފާހަގަކުރެވޭހިނދު، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ދިވެހި ދައުލަތަށް ޓެކްސްގެ ގޮތުގައި ނުވަތަ ފީގެ ގޮތުގައި ލިބިދެވޭނެ ފައިސާ ދައުލަތަށް ގެއްލިގެންދާކަން ފާހަގަކުރެވޭ
މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން

ހާރޫން ވިދާޅުވީ 2019 ވަނަ އަހަރު ދިވެހިރާއްޖޭގައި 4.1 ބިލިއަން ޑޮލަރުގެ ވިޔަފާރި ނުވަތަ ޚިދުމަތް ދެވިފައިވާކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ރެކޯޑުތަކުން ދައްކާއިރު، އޭގެތެރެއިން ދިވެހިރާއްޖެއަށް އެތެރެވީ ކިހާވަރެއްކަން އަދި ދިވެހިރާއްޖޭން ބޭރުވީ ކިހާވަރެއްކަން އެނގެން ނެތްކަން ފާހަގަ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފެދޭ ޢާމްދަނީއަކީ ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަ ފައިސާކަން ކަށަވަރުކުރެވޭނެ ގޮތަށް މި ކަމާގުޅޭ އުސޫލުތައް ކަމާގުޅޭ މުއައްސަސާތަކާއި އިދާރާތަކުން މުރާޖަޢާކުރުމަށާއި މިހާރު ހުރި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި އިތުރު ޤާނޫނުތަކެއް ހަދަންޖެހޭނަމަ އެ ޤާނޫނުތައް ހެދުމަކީ މުހިއްމު ކަމެއްކަމަށް ހާރޫން ވިދާޅުވިއެވެ.

- ކޮމެންޓް