ރާއްޖެއިން ކޮވިޑް-19ގެ ވެކްސިން ޖެހި މީހުންގެ އަދަދު 85،110ށް އަރާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން އަންގާރަ ދުވަހު 4،962 މީހަކަށް ވެކްސިން ޖަހާފައިވާއިރު، މާލެ ސަރަހައްދުން 2،700 މީހުން ވަނީ ވެކްސިން ޖަހައިފައެވެ. އަދި އަތޮޅު ތެރެއިން 2،262 މީހުން ވެކްސިން ވަނީ ޖަހައިފައެވެ.
މުޅި ރާއްޖެއިން 85،110 މީހުން ވެކްސިން ޖަހާފައިވާއިރު، މާލެ ސަރަހައްދުން އެކަނިވެސް 61،177 މީހުން ވެކްސިން ޖަހާފައިވެއެވެ. އަދި އަތޮޅު ތެރެއިން 23،333 މީހުން ވެކްސިން ޖަހާފައިވެއެވެ.
ބުދަ ދުވަހު ވެސް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށާއި، 30 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ ރައްކަލަކަށް އެފަދަ މީހުންގެ އެހީތެރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކުންފުނިތަކާއި ކުޅިވަރު ކުލަބު ޖަމިއްޔާތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުވައްޒަފުން ގުރޫޕު ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައިވެސް ހިމެނޭ މީހުން އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނެ ވަކި އިދާރާއެއް ވަނީ ކަނޑައަޅާފައެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރައްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިން ފަށާފައިވާ އިރު، ކޮންމެ ހަފުތާއެއްގެ ވެސް ހުކުރު ފިޔަވައި މާލެ އަދި ހުޅުމާލޭގައި ހެނދުނު 9:00ން ހަވީރު 4:30ށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އަދި ވިލިމާލޭގައި ހެނދުނު 9:00ން މެންދުރު 1:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެކްސިން ފޮނުވާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.