ބޮޑުތިލަދުންމައްޗާމެދު އިގްތިސާދީ ވަރަށް ބޮޑު ތަސައްވުރެއް ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ހަރަކާތުގައި ބައިވެރިވެވަޑައިގެން ހދ. އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންނާ މުޚާތަބު ކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓާ މިހާރަށްވުރެ ޒަމާނީކޮށް ކައިރި ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރެއްވުމަށް ޚާއްސަ ލޯނުތަކެއް ކަނޑައަޅައި އެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. ހަނިމާދޫ އެއަރޕޯޓުގެ އަޕްގްރޭޑިންއާއެކު އެ ސަރަހައްދަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމުގައެވެ.
ކުޅުދުއްފުށި ސިޓީގެ ތަރައްގީއާމެދު ރައީސް ސާލިހު ވިދާޅުވީ ކުޅުދުއްފުށީގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުވައިތު ފަންޑުގެ އެހީގައި އައު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި ސަރުކާރުން ގެންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ 184 ރަށެއްގެ މީހުން ކުޅުދުއްފުށިން ސިއްހީ ޚިދުމަތް ހޯދާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އައު ހޮސްޕިޓަލް އެޅުމާއެކު މި ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށާއި މިއަހަރުގެ މާރޗް މަހު އެމްއާރްއައިގެ ޚިދުމަތްވެސް ފެށުމުގެ މަސައްކަތް ކުރައްވާ ކަމުގައެވެ.
ކުޅުދުއްފުށީ ބަނދަރާ ގުޅިގެން ރައީސް ވިދާޅުވީ ބަނދަރު ބޭނުން ނުކުރެވޭ މައްސަލަ ވަރަށް ބޮޑުކަމަށާއި ބަނދަރު އަލުން ޑިޒައިންކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު އެ ބަނދަރަކީ މިހާރު ލޯނު ލިބިފައިވާ ބަނދަރެއް ކަމުން ބަދަލުތައް ގެނައުމުގައި ދަތިތައް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ.
ކުޅުދުއްފުށީގައި 2010ގެ ފަހުން ބޯހިޔަވަހިކަމުގެ މަޝްރޫއެއް ހިންގާފައި ނުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު ހުރި މަސައްކަތްތައް ބިޑު ކޮށްފައިވާ ކަމަށާއި މާޗު މަހު ތެރޭގައި އެމަސައްކަތް ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ.
ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަޝްރޫއު އެމްއާރްޑިސީއާ ހަވާލުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީ އެއަރޕޯޓުގައި ލައިޓިން ހަރުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަސްތެރޭ ނިމެނޭކަމަށާއި މަސައްކަތް ޓެންޑަރ ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ހދ. އަތޮޅުގައި ހުރި ކަންބޮޑުވުންތައް ހައްލު ކޮށްދެއްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ވެސް ކުރައްވާނެ ކަމަށާއި މި މަސައްކަތްތަކުގެ ފޮނި ނަތީޖާ ފެންނާނެކަމުގައެވެ.