މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުޅުއްވައިދެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިނުމަށް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ބުދަ ދުވަހުގެ ޖަލްސާގައި ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ ށ ގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް ވަނީ އެޖެންޑާކޮށްފައެވެ.
މިދިޔަ ހަފްތާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ބަޔާނަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަދި މައިނޯރިޓީ ލީޑަރ އޭދަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމް އަންނަ ހަފްތާގައި ޖަވާބު ދެއްވާނެކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ ރިޔާސީ ބަޔާނަށް ދޭ ޖަވާބުގައި ސަރުކާރުން އިތުރަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް ބެލެވޭ ކަންކަމަށް ސަރުކާރުން ޖަވާބުދާރީ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާފައިވަނީ މިފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބުދެއްވުމަށް މައިނޯރިޓީ ލީޑަރ ތައްޔާރުވެ ވަޑައިގެންނެވުމުން އެކަން އިންތިޒާމު ކުރައްވާނެކަމަށެވެ.
ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު އެވަގުތު އޮތްގޮތާއި ހާލަތު ރަނގަޅުކުރުމަށް އިތުރަށް ކުރާނެ ކަންކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ބަޔާނެކެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީ ނޫން ދެން މަޖިލީހުގައި އެންމެ ގިނައިން މެމްބަރުން ތިބި ޕާޓީއަކުން ރިޔާސީ ބަޔާނަށް ޖަވާބު ދޭން ޖެހެއެވެ. އެ ޖަވާބު ތައްޔާރުކުރަން ޖެހެނީ ވެސް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ނޫން ދެން ތިބި ޕާޓީތަކުގެ މެމްބަރުންގެ ހިޔާލު ހިމަނައިގެންނެވެ. އަދި މި ޖަވާބު ރިޔާސީ ބަޔާން އިއްވާތާ 14 ދުވަސް ތެރޭގައި އިއްވުން ވެސް ގަވާއިދުގައި ބުނާގޮތުން ލާޒިމްވެއެވެ.
މިފަހަރުގެ ރިޔާސީ ބަޔާނަށް އިދިކޮޅުން ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ބޮއިކަޓްކޮށްފައެވެ.