ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 27 އަހަރުގެ ޑިބާލާ ޔުވެންޓަސްއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާއިރު، މީގެ ކުރިންވެސް ޔުވެންޓަސްއިން ވަނީ އޭނާގެ އެއްބަސްވުން އާކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑިބާލާއަށް އައު އެއްބަސްވުމެއް ހުށަހެޅި ކަމަށް ޔުވެންޓަސްގެ ރައީސް އަދްރެއާ އަގްނެލީ ވިދާޅުވި ނަމަވެސް، ޑިބާލާ ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން އެ ފަހަރު ޑިބާލާ ބުނީ އޭނާގެ އެއްބަސްވުމާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތަކެއް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށާއި، މިހާތަނަށްވެސް އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކުލަބުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އަދި މިހާތަނަށް ޔުވެންޓަސްއިން އައު އެއްބަސްވުމެއް ހުށަހަޅާފައި ނުވާ ކަމަށްވެސް ޑިބާލާ ބުންޏެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޑިބާލާގެ އެއްބަސްވުން އާކުރުމަށް ޔުވެންޓަސްއިން މަސައްކަތްކުރަމުން އަންނައިރު، އަވަސް މުސްތަގުބަލެއްގައި އެއްބަސްވުމާ ގުޅޭ ގޮތުން ޑިބާލާގެ އޭޖެންޓާއެކު ޔުވެންޓަސްއިން މަޝްވަރާތައް ފަށާނެއެވެ.
ޔުވެންޓަސްއިން ޑިބާލާގެ އެއްބަސްވުން އާކުރުމަށް މަސައްކަތްކުރަމުން އައި ނަމަވެސް، އެ ޓީމުގެ އައު ކޯޗު އަންދްރެއާ ޕިރްލޯގެ ކޯޗުކަމުގައި ޑިބާލާއަށް ވަނީ ފުރުސަތު ލިބުން މަދުވެފައެވެ. އެކަމަކު މީގެ ކުރިން ޕިރްލޯ ބުނީ ޑިބާލާ އަކީ ޔުވެންޓަސްގެ ކުރިމަގާ ގުޅިފައިވާ ކުޅުންތެރިއެއް ކަމަށާއި، ޔުވެންޓަސްއިން އޭނާ ވިއްކާ ނުލާނެ ކަމަށެވެ.
މީގެ ކުރިން ޕަލޭމޯއަށްވެސް ކުޅުނު ޑިބާލާ ޔުވެންޓަސްއާ ގުޅުނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޔުވެންޓަސްއަށް ކުޅެދިން 244 މެޗުގައި 98 ލަނޑު ޖަހާފައެވެ. އަދި ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ފަސް ފަހަރު އަދި އިޓާލިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.