ކ. މާލެ
|
22 ފެބްރުއަރީ 2021 | ހޯމަ 23:28
ކުޅުދުއްފުށި ސިޓީގައި ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ދަނީ
ކުޅުދުއްފުށި ސިޓީގައި ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ދަނީ
ރާއްޖެއެމްވީ
ގައުމީ ވެކްސިނޭޝަން ޕްރޮގްރާމް
އިތުރު 5000 މީހުންނާއެކު ވެކްސިން ޖެހި މީހުންގެ އަދަދު 80،000ށް
ހޯމަ ދުވަހުގެ ނިޔަލަށް 80،159 މީހުން ވެކްސިން ޖަހާފައިވާ އިރު، މީގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ 59،077 މީހުން
އަތޮޅު ތެރެއިން 19،623 މީހުން ވެކްސިން ޖަހާފައިވޭ
ރިސޯޓްތަކުން މިހާތަނަށް ޖުމްލަ 1459 މީހުން ވަނީ ވެކްސިން ޖަހާފައި

ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އަދަދު 80،000ށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ރޭ 8:00 އާ ހަމައަށް 80،159 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެގޮތުން ހޯމަ ދުވަހު 5085 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 3497 މީހަކު ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން 1588 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. ރިސޯޓްތަކުގައި ވެސް ހޯމަ ދުވަހު ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ އިރު، ރިސޯޓްތަކުން 443 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

ހޯމަ ދުވަހުގެ ނިޔަލަށް 80،159 މީހަކު ވެކްސިން ޖަހާފައިވާ އިރު، މީގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވައިވަނީ 59،077 މީހެކެވެ. އަދި އަތޮޅު ތެރެއިން 19،623 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. ރިސޯޓްތަކުން ޖުމްލަ މިހާތަނަށް 1459 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

އަންގާރަ ދުވަހު ވެސް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށާއި، 30 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ ރައްކަލަކަށް އެފަދަ މީހުންގެ އެހީތެރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކުންފުނިތަކާއި ކުޅިވަރު ކުލަބު ޖަމިއްޔާތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މުވައްޒަފުން ގުރޫޕު ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތު  ވެސް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައިވެސް ހިމެނޭ މީހުން އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނެ ވަކި އިދާރާއެއް ވަނީ ކަނޑައަޅާފައެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރައްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިން ފަށާފައިވާ އިރު، ކޮންމެ ހަފުތާއެއްގެ ވެސް ހުކުރު ފިޔަވައި މާލެ އަދި ހުޅުމާލޭގައި ހެނދުނު 9:00ން ހަވީރު 4:30ށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އަދި ވިލިމާލޭގައި ހެނދުނު 9:00ން މެންދުރު 1:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެކްސިން ފޮނުވާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

- ކޮމެންޓް