ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގަތަރުގެ ކުޅިވަރު އެސޯސިއޭޝަންތަކާއެކު އެއްބަސްވުންތަކެއް ހަދަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ގަތަރާއެކު އެއްބަސްވުންތަކެއް ހަދަން ތައްޔާރުވަމުން އަންނަކަން އެމްއެސީން ހާމަކުރެއްވީ އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ދާދި ފަހުން ގަތަރަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ކުޅިވަރު އެސޯސިއޭޝަންތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށްފަހުއެވެ.
އެގޮތުން މަރޭ ވަނީ މި ދަތުރުފުޅުގައި ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަން، ހޭންޑްބޯޅަ އެސޯސިއޭޝަން، އެތުލެޓިކްސް ފެޑެރޭޝަން، ޓޭބަލް ޓެނިސް އެސޯސިއޭޝަން އަދި އެ ގައުމުގެ ސްވިމިން އެސޯސިއޭޝަނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ. މީގެ އިތުރުން ގަތަރުގެ އެސްޕެޓާ ހޮސްޕިޓަލާއެކުވެސް އެއްބަސްވަން ހެދުމަށް މަރޭ ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުންތަކުގެ ފޮޓޯތައް ފޭސްބުކްގައި ހިއްސާކުރުމަށްފަހު އެމްއޯސީން ބުނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އަވަސް މުސްތަގުބަލެއްގައި ގަތަރުގެ ކުޅިވަރު އެސޯސިއޭޝަންތަކާއެކު އެއްބަސްވެވޭނެ ކަމަށާއި، މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން ކުޅުންތެރިންނާއި އޮފިޝަލުންނަށް ގިނަ ގޮތްގޮތުން ފައިދާކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މީގެ އިތުރުން ގަތަރުގެ މަޝްހޫރު ސްޕޯޓްސް މެޑިސިން ހޮސްޕިޓަލް ކަމަށްވާ އެސްޕެޓާއާއެކު އެއްބަސްވުމުގައި ސޮއިކުރަން މަސައްކަތް ކުރަމުން އަންނައިރު، އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ވީ އެންމެ ރަނގަޅަށް ފަރުވާ ހޯދަން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްއޯސީން ވަނީ ބުނެފައެވެ.
އެމްއޯސީން ގަތަރުގެ ކުޅިވަރު އެސޯސިއޭޝަންތަކާއެކު އެއްބަސްވުންތައް ހަދާއިރު، މީގެ ކުރިން ގަތަރާއެކު އެއްބަސްވުން ހެދި ހަމައެކަނި ކުޅިވަރު އެސޯސިއޭޝަނަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވެ. އެގޮތުން 2017 ވަނަ އަހަރު އެފްއޭއެމުން ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު އެއްބަސްވުން ހެދިއިރު، އެ އެއްބަސްވުމުގެ ދަށުން ގައުމީ ފުޓްބޯޅަ ޓީމުތައް ވަނީ ގަތަރުގައި ޓްރެއިނިންގ ކޭމްޕުތައް ބާއްވާފައެވެ.