އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހާހެއްހާ މީހުންނާއެކު އަންނަ ހުކުރު ދުވަހު މުޒާހަރާ ބޭއްވުމަށް ނިންމައިފިއެވެ.
އިދިކޮޅުން މިކަން ހާމަކޮށްފައިވަނީ އާދިއްތަ ދުވަހު ޕީޕިއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މުޒާހަރާއަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އަދި ކޯލް ސެންޓަރެއް މީގެކުރިން ޤާއިމުކޮށްފައިވާއިރު އެ ސެންޓަރުން މީހުންނަށް ގުޅާ މުޒާހަރާގައި ބައިވެރިވުމަށް ދައުވަތު ދީފައިވާ ކަމަށެވެ. އަދި މިހާތަނަށް ގުޅި މީހުންގެ ތެރެއިން 990 މީހުން ހުކުރު ދުވަހު މުޒާހަރާގައި ބައިވެރިވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވީ ހުކުރު ދުވަހު އޮންނަ "ބޮޑު މުޒާހަރާ" ގައި ބައިވެރިވުމަށްޓަކައި ރަށްތަކުގައި ތިބި މީހުން ވެސް އެދެމުންދާ ކަމަށެވެ. އަދި މުޒާހަރާގައި ބައިވެރިވުމަށްފަހު ރަށަށް އަނބުރާ ގޮސް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް އެމީހުން ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ އިދިކޮޅު ކޯލިޝަނުން ހިތްވަރުދޭ ކަމަކަށް ނުވާތީ އެމީހުން ނުގެނައުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅުން އަންނަ ހުކުރު ދުވަހު މުޒާހަރާ ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އެފަރާތުން ބުނަމުން ގެންދަނީ މި މުޒާހަރާ ކުރިއަށްދާނީ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވީނަމަވެސް، އަދި ޤާނޫނުގައި ވެސް މުޒާހަރާ ނުކުރެވޭނެކަމަށް ބަޔާންކޮށްފައި ނެތް ކަމަށް އިދިކޮޅުން ބުނެއެވެ. އެ ދުވަހު ވީހާވެސް ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީން ވަނީ ދައުވަތުދީފައެވެ. އެހެންނަމަވެސް ފުލުހުން ދާދިފަހުން ބުނެފައިވަނީ އިދިކޮޅުން މި ބާއްވަމުންދާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ވެސް ހިލާފަށް ބާއްވާ މުޒާހަރާއެއް ކަމަށެވެ. އަދި އެގޮތަށް މުޒާހަރާ ބާއްވާ ކަމުގައިވާނަމަ ބެލެވޭނީ އެއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއްގެ ގޮތަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮވިޑާ ގުޅިގެން އެއްވުންތަކާއި ޙަފްލާތައްވެސް ބޭއްވުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) މަނާ ކޮށްފައިވާ މި ދަނޑިވަޅުގައި އިދިކޮޅުން ގެންދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވާނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވާއިރު، ފުލުހުންވަނީ މާސްކްނާޅައި އުޅޭނަމަ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، އެންގުމާއި ޚިލާފުވާ ދެވަނަ ފަހަރު 3،500 ރުފިޔާއިން، އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އަދި ޤާނޫނީ ޝަޚުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، އެންގުމާ ޚިލާފުވާ ދެވަނަ ފަހަރު 25،000 ރުފިޔާއިން، އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި އަދި އެންގުމާއި ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާލެ ސަރަޙައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މަނާކޮށްފައެވެ.