ކ. މާލެ
|
2 މެއި 2017 | އަންގާރަ 12:55
އާމަ ހީނާފަތް އަޅާލަނީ. ފޮޓޯ: ފޭސްބުކް
އާމަ ހީނާފަތް އަޅާލަނީ. ފޮޓޯ: ފޭސްބުކް
ފޭސްބުކް
ހީނާފަތް އެޅުން
އާމަ: ހީނާފަތް އެޅުމުގެ ހުނަރުވެރިއެއް
ރިސޯޓްތަކުން ވެސް ހިދުމަތް ހޯދާ
އާމަގެ ހީނާފަތް އެޅުމަށް ތަރުހީބު ދަނީ އިތުރުވަމުން

ހީނާފަތް އެޅުމަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ހާއްސަކޮށް އީދު ފަދަ މުނާސަބަތާއި ގުޅުވައިގެން ހީނާފަތް އެޅުމަކީ ދިވެހިން ކޮށްއުޅުނު ގަދީމީ ކަމެކެވެ.

އެހެން ނަމެވެސް ޒަމާނަށް އައި ބަދަލާއެކީގައި ހީނާފަތުގެ "ޓްރެންޑް" ވެސް ވަނީ ބަދަލުވެފައެވެ.

ކުރިން އަތާއި ފައިގައި ބަނދެގެން އެޅި ހީނާފަތުގެ ޒަމާން މިވަނީ ގޮށީގައި ޑެކަރޭޓް ކުރާ އެއްޗަކަށް ވެފައެވެ.

ދިވެހިންގެ ތެރޭގައި ހީނާ އަޅައިދޭ މީހުން މިހާރު ދަނީ އިތުރު ވަމުންނެވެ.

އޭގެ ތެރެއިން އައިޝަތު ޝަހުމާ ހަމީދު(އާމަ) އަކީ ފާހަގަކޮށްލެވޭ  މީހެކެވެ.

އެންމެ ފުރަތަމަ އޭނާ ހީނާފަތުގައި އަތްލީވެސް ގޭގައި ހުރި ގަހަކުން ނެވެ.  ހީނާފަތް އަޅާހިތްވީ އެ ހިސާބުންނެވެ. ހީނާފަތް އެޅުމަށްފަހު ފޭސްބުކާއި އިންސްޓަގްރާމަށް ފޮޓޯތައް ލާން ފެށި ހިސާބުން އާމަގެ  މަސައްކަތް ފެށުނީއެވެ. މީހުންގެ ތާއީދު ދިޔައީ އޭނާގެ ފޮޓޯތަކަށް އޮހެމުންނެވެ. ޔޫޓިއުބުން ހީނާގެ "ޓިއުޓޯރިއަލްތައް" ބަލާ ގޭގައި އުޅޭ ކުދިންގެ އަތުގައި ހީނާ އަޅާ އިތުރަށް ދަސްކުރިއެވެ.

"އެންމެ ފުރަތަމަ އަޅުގަނޑަށް އެޕްރޯޗް ލިބުނީ އަނަންތަރާ ރިސޯޓުން. އެއީ އެމީހުންގެ ނިއު އިޔާ އިވެންޓެއްގައި ހީނާ އަޅާދިނުމަށް ދިޔައީ"، އާމަ ރާއްޖެ އެމްވިއަށް ކިޔައިދިނެވެ.

އާމަ ބުނިގޮތުގައި އެފަހަރު ރިސޯޓުން އައިފަހުން އޭނާ އަށް އާއިލާގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުން މިދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބުނެވެ. އެހިސާބުން "ނޭޗާސް އިންކް" ކިޔާ ފޭސްބުކް ޕޭޖެއް ، 26 ޖެނުއަރީ  2015 ވަނަ އަހަރު ހެދީ މިދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށެވެ. އޭނާ ހެދި ފޭސްބުކް ޕޭޖަށް ހީނާ އަޅަންވީ ދުވަހަކާއި ތަނެއް ލިޔެފައި މެސެޖް ކޮށްލުމުން އެޕޮއިންޓްމަންޓް ހެދުނީއެވެ.

" ފެއްޓިއިރުގައި އުއްމީދެއް ނުކުރަން މިހާ ސަޕޯޓެއް އޮންނާނެކަމަކަށް. ވަރަށް ތަރުހީބު ލިބޭ މިހާރު"، އާމަ ބުންޏެވެ.

 

އާމަ ބުނި ގޮތުގައި ހީނާގެ ރަނގަޅު ޕްރޮޑަކްޓްސް ރާއްޖެއިން ލިބޭކަށް ނުހުރެއެވެ. އެއީ އެންމެ އުނދަގޫވާ ކަންތައްތައް ކަމަށާއި މާލޭގައި ހުންނަ ހީނާގެ ޕްރޮޑަކްޓްސް ވަރަށް ތަފާތުވެފައި އަސްލު ހީނާގެ ކުލަ ނާރާކަމަށް އާމަ ބުންޏެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މިކަންތައް ކުރަން ވިސްނާ އާމަ ބުނީ ރާއްޖެއިން ބޭރަށް ހީނާ ކޯސްހަދަން ދާން ވިސްނާކަމަށެވެ.

މިހާރުވެސް އޭނާ ދަނީ އުފަންދުވަހުގެ ހަފްލާތަކާއި ކައިވެނީގެ ހަފްލާތަކުގެ އިތުރުން އެކި އިވެންޓުތަކުގައި ހީނާ އަޅައިދެމުންނެވެ.

އާމަ ބުނީ އޭނާ އިވެންޓްތަކުގައި ހީނާ އަޅާއިރު ބައެއް މީހުން "ތީދެން ކޮންކަމެއް ހޭ، އެންމެނަށްވެސް ކުރެވިދާނެ ކަމެއް ނޫންހޭ" ކިޔާ އެއްޗެހި ބުނެލާ ހަދާކަމަށެވެ. އެހެން ނަމަވެސް އެއީ އެހާ ފަސޭހަ ކަމެއް ނޫންކަމަށާއި ވަރަށް ގިނަ ވަގުތު އެކަމަށް ބޭނުވާ ކަމަށް އާމަ ބުންޏެވެ.

އާމަ އުންމީދަތީ މި ދާއިރާއިން ކުރިއަށް ދިއުމެވެ. ތަފާތު ދައްކައިދިނުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް