ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކާ ބައްދަލުވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޑރ. ޖައިޝަންކަރު ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް ހެޔޮއެދޭނެ އަވައްޓެރިއެއް ކަމަށެވެ. އަދި ކޮންމެ ޤައުމެއްގައި ވެސް ސިޔާސީ ގޮތުން ކަންކަން ހުންނާނެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މި ދަތުރުފުޅުގައި ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރެއްވޭނެކަމަށް ވެސް އުއްމީދު ކުރައްވާ ކަމަށެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށްވެސް ޑރ ޖައިޝަންކަރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ވަރުގަދަކަންވެސް ފެނިގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، މި ދަތުރުގެ އެއް މަޤްސަދަކީ ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުންކަން ފާހަގަ ކުރައްވައި ޑރ ޖައިޝަންކަރު ވަނީ ދެ ޤައުމުގެ ގުޅުމާ ގުޅިގެން ޙާސިލު ކުރެވުނު އެންމެ ބޮޑު ކާމިޔާބަކީ ދެ ޤައުމުގެ މެދުގައި ޤާއިމު ކުރެވިފައިވާ އިތުބާރާއި، ގުޅުން ކަމަށެވެ.
ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ވަނީ މުހިއްމު އެއްބަސްވުންތަކެއްގައިވެސް ސޮއި ކުރައްވާފައެވެ. އެގޮތުން އިންޑިއާއިން މާލީ އެހީ ދިނުމަށް ދޭ ޑޮލަރ ކްރެޑިޓްލައިން އެއްބަސްވުމާއި، ނ ކެނދިކުޅުދޫގައި ޤާއިމުކުރާ ގޭދޮށު މަސްޕްލާންޓުގެ އެއްބަސްވުމުގެ އިތުރުން، އާރބަން ޑިވޮލޮޕްމަންޓް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމަކާއި، ބްރޮޑްކާސްޓިންގ ދާއިރާ ކުރިއެރުވުމާއި، ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، އިންޑިއާގެ އެކްސްޕޯރޓް އިމްޕޯރޓް ބޭންކާ ދެމެދު ވެވުނު އެއްބަސްވުން ހިމެނެއެވެ.