އިންޑިއާއިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އިތުރު 1 ލައްކަ ޑޯޒް ހަދިޔާކޮށްފިއެވެ.
އެކަން ހާމަ ކުރައްވާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވައި ބައިވެރިވެވަޑައިގެން ރަސްމިއްޔާތެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރ ވަނީ އިންޑިއާއިން އިތުރު އެއްލައްކަ ޑޯޒް ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައިވާކަން ފާހަގަ ކުރައްވައި އެ ޤައުމުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އިންޑިއާގެ މުހިއްމު ދައުރުވެސް މިނިސްޓަރ ފާހަގަ ކުރައްވާފައިވެއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއަޒް މިނިސްޓަރ ޖައިޝަންކަރުގެ ވާހަކަފުޅުގައި ވެސް މިކަން ފާހަގަކުރައްވާފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ މި ދަތުރުފުޅުގައި ރާއްޖެއަށް ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށާއި، ވަކިން ހާއްސަކޮށް އިތުރު ވެކްސިން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައިވަނީ ނިމިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އިންޑިއާއިން މީގެ ކުރިންވެސް ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 1 ލައްކަ ޑޯޒް ހަދިޔާ ކޮށްފައިވާއިރު، ރާއްޖެއިން މިހާތަނަށް ހުއްދަދީ ބޭނުން ކުރަމުންދަނީވެސް ހަމައެކަނި ކޮވިޝީލްްޑް ވެކްސިނެވެ. އެގޮތުން މިހާތަނަށް ބައިލައްކައަށްވުރެވެސް ގިނަ މީހުން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހާފައެވެ.
އެސްޓްރަޒެނެކާގެ ފޯމިއުލާއަކަށް އުފައްދާފައިވާ މި ވެކްސިނަށް މިހާރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ހުއްދަވެސް ވަނީ ލިބިފައެވެ.