ކ. މާލެ
|
19 ފެބްރުއަރީ 2021 | ހުކުރު 22:55
ފުވައްމުލަކު ސިޓީ- ފުވައްމުލަކުންވެސް ދަނީ ކޮވިޑުގެ ކޭސްތަކެއް ފެންނަމުން
ފުވައްމުލަކު ސިޓީ- ފުވައްމުލަކުންވެސް ދަނީ ކޮވިޑުގެ ކޭސްތަކެއް ފެންނަމުން
ގޫގްލް މެޕްސް
ކޮވިޑް-19 ފުވައްމުލަކު ސިޓީ
ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދިގުދަންމާލައިފި
ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައްވެސް ބޭއްވުން މަނާ
ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުގެ ޙަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގާފައި
ކާފިއު ގަޑީގައި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ

ކޮވިޑުގެ ކޭސްތަކެއް ފެނިފައިވާ ފުވައްމުލަކު ސިޓީގައި ރޭގަނޑު 08:00ން ފަތިހު 04:00ށް ކާފިއު ހިންގައި، އެއްގަމު އުޅަނދު ދުއްވުންވެސް މަނާ ކުރުމަށް ނިންމާފައިވާ ނިންމުން އިތުރު ހަފްތާއަކަށް ދިގު ދަންމާލައިފިއެވެ.

ހުކުރު ދުވަހު އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނީ، 12 ފެބުރުވަރީ 2021 ގައި އަންގާފައިވާ އެންގުމުގެ ދަށުން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ފުވައްމުލައް ސިޓީގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް އިތުރު 7 ދުވަހުގެ މުއްދަތަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފުވައްމުލަކު ސިޓީގައި ރޭގަނޑު 08:00ން ފަތިހު 04:00ށް ކާފިއު ހިންގައި، އެއްގަމު އުޅަނދު ދުއްވުންވެސް މަނާކުރުން ހިމެނޭއިރު، ޕާޓީތަކާއި ޙަފްލާތައް ބޭއްވުންވެސް މަނާވާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. އަދި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުންވެސް ހުއްޓާލުމަށް އަންގާފައިވާއިރު، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަންވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.

ފުވައްމުލަކު ސިޓީގައި އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުގެ ޙަރަކާތްތައް ހުއްޓާލުމަށް އެންގުމާއި، ފިހާރަތަކާއި ޓެކްސީތަކުން ޚިދުމަތްދޭއިރު، އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެންގުން ހިމެނެއެވެ.

ކޮވިޑާ ގުޅިގެން ފުވައްމުލަކު ސިޓީގެ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، ސުކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުންވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ. ހަމައެއާއެކު، ހޮޓާ ކެފޭ ރެސްޓޯރަންޓުތަކުންވެސް ޚިދުމަތް ދިނުން ހުއްޓާލުމަށް އަންގާފައިވާއިރު، އޭގެ ތެރެއިން ޑެލިވަރީގެ ޚިދުމަތްތައް އިސްތިސްނާވެއެވެ.

މި އެންގުމުގެ ދަށުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ މީހުންނާއި، ފުވައްމުލަކު ޓާސްކްފޯހުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން، އިމަރޖެންސީކޮށް ސިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް ހިމެނެއެވެ.

- ކޮމެންޓް