އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަމަންޔަން ޖައިޝަންކަރުގެ ދަތުރުފުޅާ ގުޅިގެން މާލޭގެ ގިނަ ސަރަޙައްދުތަކެއް ބަންދުކުރަން ނިންމައިފިއެވެ.
ހުކުރު ދުވަހު ފުލުހުން ކުރި ޓުވީޓެއްގައި ބުނީ މާލޭގެ ގިނަ ސަރަޙައްދުތަކެއްގައި އުޅަނދުތަކުގައާއި ހިނގާފައި އުޅުން މަނާވާނެކަމަށެވެ. ހޮނިހިރު ދުވަހު ބައެއް ވަގުތުތަކުގައި ބްރިޖުން ފެށިގެން ކަޅުތުއްކަލާކޮށްޓާއި ހަމައަށް އަދި ބްރިޖުން ފެށިގެން ހުޅަނގަށް ޖުމްހޫރީ މައިދާނާ ހަމައަށް މާލޭގެ ބޭރު މަގު ބަންދުވާނެއެވެ. އަދި މިމަގުތަކާއި ގުޅިފައިވާ ގޯޅިތައް ވެސް ބަންދުވާނެއެވެ.
މި ސަރަޙައްދު ބަންދުކުރާނީ ހޮނިހިރު ދުވަހުގެ މެންފުރުފަހު 2:00ން ހަރަކާތްތައް ނިމެންދެން ކަމަށާއި ހޮނިހިރު ދުވަހުގެ މެންދުރު 12:00ގެ ކުރިން، ކާނިވާ ސަރަޙައްދާއި ޖުމްހޫރީ މައިދާނާ ދެމެދުގެ ސަރަޙައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގުގެ ފަތާ ޓްރެކް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ބަންދު ކުރާއިރު އެމަގާ ގުޅިފައިވާ ގޯޅިތަކާއި ރައްޔިތުންގެ މަޖިލިސް ހިމެނޭ ސަރަޙައްދުވެސް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އާދިއްތަ ދުވަހު ބަންދުކުރާ ސަރަޙައްދުތައް ބަންދުވާނީ ހެނދުނު 7:00ން ފެށިގެން ހަރަކާތްތައް ނިމެންދެން ކަމަށް ފުލުހުން ބުންޏެވެ. އަދި ހޮނިހިރު ދުވަހުގެރޭ 12:00ގެ ފަހުން ކާނިވާ ސަރަޙައްދާއި ޖުމްހޫރީ މައިދާނާ ދެމެދުގެ ސަރަޙައްދުގައި އުޅަނދު ޕާކު ނުކުރުމަށާއި އަދި ޕާކުކޮށްފައިވާ އުޅަނދުތައް އެސަރަޙައްދުން ނެގުމަށް ވަނީ އަންގާފައެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުބްރަމަންޔަން ރާއްޖެއަށް ވަޑައިގަންނަވާނީ މި މަހުގެ 20ން 21އަށެވެ.