ކ. މާލެ
|
2 މެއި 2017 | އަންގާރަ 06:32
ޓްރަމްޕް އަދި ޑުޓާޓެ، ދައުވަތު ދެއްވީ އުސޫލުތަކާއި ޚިލާފަށް
ޓްރަމްޕް އަދި ޑުޓާޓެ، ދައުވަތު ދެއްވީ އުސޫލުތަކާއި ޚިލާފަށް
ރާއްޖެއެމްވީ
ޓްރަމްޕްގެ ދައުވަތު
ޑުޓާޓެއަށް ޓްރަމްޕް ދައުވަތު ދެއްވީ އުސޫލުތަކާ ޚިލާފަށް
ދައުވަތު ދެއްވިކަން ސްޓޭޓް ޑިޕާޓްމަންޓްއަކަށް ނޭނގޭ
ގިނަ ފާޑު ކިޔުންތަކެއް އަމާޒްވި
ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ރުހޭ ކަމެއް ނޫން

ވައިޓްހައުސް އަށް ވަޑައިގަތުމަށް ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑިޕްލޮމެޓިކް ޕްރޮޓޮކޯލްތަކާ ޚިލާފަށް ދައުވަތު ދިން މައްސަލަ ހޫނުވެއްޖެއެވެ.

 

ވެރިކަމަށް ވަޑައިގަތުމަށްފަހު އަދާޔާޚިލާފު އެތައް ކަމެއް ކުރައްވަމުން ގެންދަވާ ޓްރަމްޕް ޑުޓާޓެ ވައިޓް ހައުސް އަށް ވަޑައިގަތުމުގެ ދައުވަތު ދެއްވާފައިވަނީ ސްޓޭޓް ޑިޕާޓްމަންޓަށް އެއްވެސް ވަރަކަށް އެނގުމަކާއި ނުލައެވެ.

 

އެމެރިކާގެ ރައީސްގެ މިފަދަ ރަސްމީ ބައްދަލުވުންތައް އިންތިޒާމްކުރުމާއި ބޭރުގެ އިއްޒަތްތެރިންނާއި ބައްދަލުކޮށް އެފަރާތްތަކަށް ދައުވަތުތައް އެރުވުމުގެ ކުރިން އެކަންކަން ސްޓޭޓް ޑިޕާޓްމަންޓަށް ރަސްމީކޮށް އަންގަންޖެހެއެވެ.

 

ވައިޓްހައުސް އަށް ވަޑައިގަތުމަށް ޑުޓާޓެއަށް ޓްރަމްޕް ދައުވަތު ދެއްވީ އެ ލީޑަރުންގެ ދެމެދުގައި ފޯނުން ދެކެވުނު ވާހަކަތަކެއްގައެވެ.

 

ދެ ލީޑަރުންގެ ދެމެދުގައި ވަރަށް އެކުވެރިކަމާއިއެކު ދެކެވުނު ވާހަކަތަކެއްގައި ޓްރަމްޕް ދައުވަތު ޑުޓާޓެއަށް އެރުވިއިރު އެކަން އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ސްޓޭޓް ޑިޕާޓްމަންޓުގެ ވެސް ސަމާލު ކަމަށް އަތުވެފައެއް ނުވެއެވެ.

 

ޓްރަމްޕް ވަނީ މިދިޔަ ހޮނިހިރު ދުވަހު ދެކުނު އިރުމަތީ އޭޝިއާގެ ބައެއްގައުމުތަކުގެ ލީޑަރުންނަށް ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ.

 

އެގޮތުން ސިންގަޕޫރުގެ ބޮޑު ވަޒީރާއި ތައިލެންޑްގެ ވެރިންނަށް ގުޅުއްވި ނަމަވެސް ޑުޓާޓެއަށް ފޯނުން ގުޅުއްވިކަން ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ސްޓޭޓް ޑިޕާޓްމަންޓުގެ ސަމާލުކަމަށް އައީ މާ ފަހުންނެވެ.

 

ޓްރަމްޕްގެ އެ އަމަލުފުޅަކީ ބޭރުގެ އިއްޒަތްތެރިންނާއި ގައުމުތަކުގެ ވެރިން ވައިޓް ހައުސްއަށް ވަޑައިގަތުމަށް ސްޓޭޓް ޑިޕާޓްމަންޓުން އެކުލަވާފައިވާ އުސޫލުތަކާއި ޤަވައިދުތަކާއި ކަނޑައެޅިގެން ޚިލާފް ކަމެކެވެ.

 

އުސޫލުތަކާއި ޚިލާފަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޑުޓާޓެއަށް ދައުވަތު ދިންއިރު، އިންސާނީ ހައްގުތަކުގެ ރެކޯޑް ވަރަށް ގޯސް ވެރިއެއްގެ ގޮތުގައި ބެލެވިފައިވާ ޑުޓާޓެއަށް އެފަދަ ދައުވަތެއް ޓްރަމްޕް ދެއްވުމުން ބައެއް ފަރާތްތަކުން ފާޑު ކިޔާފައިވެސް ވެއެވެ.

 

އެގޮތުން ހިއުމަން ރައިޓްސް ވޮޗުގެ އޭޝިއާ ޑިރެކްޓަރު ޖޯން ސިފްޓޮން ވިދާޅުވީ އަމިއްލަ ގައުމުގެ މީހުން މަރާ ކަމަށް ފަޚުވެރިވެރިކަމާ އެކު ވިދާޅުވާ ވެރިއަކު ވައިޓް ހައުސް ޒިޔާރަތް ކުރުމަށް ދައުވަތު ދިނުމަކީ އެހެން މީހުންނަށް ދެވޭ ވަރަށް ގޯސް މެސެޖެއް ކަމަށެވެ.

 

ޓްރަމްޕްގެ އެދައުވަތަކީ ޑުޓާޓެ ހިންގާ އަނިޔާވެރި އަމަލުތައް އެމެރިކާ އިން އެންޑޯސް ކުރުން ކަމަށް ޖޯން ސިފްޓޮން ވިދާޅުވި އެވެ.

- ކޮމެންޓް