މަންތާ އެއަރގެ ސީޕްލޭން ވެއްޓުނު ހާދިސާ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި ތަހުގީގުގެ އިތުރު އަޕްޓޭޑެއް އަދި ނުލިބޭ ކަމަށް މަންތާ އެއަރއިން ބުނެފިއެވެ.
އާދިއްތަ ދުވަހުގެ ހެނދުނު މަންތާ އެއަރގެ ސީޕްލޭން ވެއްޓުމުގެ ހާދިސާ ހިނގާފައިވަނީ، ހުޅުލެ ސީޕްލޭން ޖައްސާ ސަރަހައްދަށް އެބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ހެނދުނު 07:31 ހާއިރުއެވެ. އަދި އެ ހާދިސާ ހިނގުމާއެކު، އެއަރޕޯޓްގެ މެރިން ފަޔަރ ރެސްކިޔު އާއި އެމްއެންޑީއެފުން ވަނީ އެ ހާދިސާ ހިނގި ތަނަށް އެޓެންޑްވެފައެވެ.
މި ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ ޖުމްލަ 9 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 6 ފަސިންޖަރުންނާއި 3 ކްރޫއިން ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގި ގޮތް ތަހުގީގުކުރަމުންދަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުގެ ތަހުގީގީ ޓީމަކުންނެވެ.