ފިއުލް ސަޕްލައިސް މޯލްޑިވްސް އިން އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އެފްއެސްއެމް އިން ބުނީ މާލެގައި ހުންނަ ޕެޓްރޯލް ޝެޑުން ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަކަށް ހެނދުނު 08:00ން އިރުއޮއްސި 06:00ށް ހިދުމަތް ލިބެގެންދާނެ ކަމަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 02:00ން އިރުއޮއްސި 06:00ށް ހިދުމަތް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ތިލަފުށީގައި ހުންނަ ޝެޑުން ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަކަށް ހެނދުނު 08:00ން ހަވީރު 16:30ށް ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ހުކުރު ދުވަހު މެންދުރު 02:00ން ހަވީރު 16:30ށް ހިދުމަތް ލިބޭނެ ކަމަށެވެ.
އެހެންނަމަވެސް، ފުލުހުންގެ ހާއްސަ ހުއްދަ އޮންނަ ފަރާތްތަކަށް އީޒީ ފިލް 1 (ސްޓެލްކޯ) އަދި އީޒީ ފިލް 3 (ހުޅުމާލެ) އިން 18:00 ން ފެށިގެން 23:00 އާއި ހަމަޔަށް ޚިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުރިހާ ޝެޑުތަކެއްގެ ހިދުމަތް ވެސް ކޮންމެ ނަމާދު ވަގުތަކަށް، 25 މިނެޓަށް މެދުކަނޑާލާނެ ކަމަށް ވެސް އެފްއެސްއެމް އިން ބުންޏެވެ.
އެފްއެސްއެމް އިން މިވަގުތު މާލެ ސިޓީގައި ހަތަރު ޕެޓްރޯލް ޝެޑް ހިންގަމުން އަންނައިރު ތިލަފުށީގެ އިތުރުން ހުޅުމާލޭގައި ވެސް ޕެޓްރޯލް ޝެޑެއް ހިންގަމުންދެއެވެ.
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާއިރު މި ބަދަލުތައް ގެނެސްފައިވަނީ މާލޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކާ ގުޅިގެންނެވެ. އެގޮތުން އިރުއޮއްސި 18:00 ގެ ފަހުން ވެހިކަލްތައް ނުދުއްވޭއިރު ރޭގަނޑު 11 ގެ ފަހުން މަގުމަތީގައި އާންމުން އުޅުމަކީ މަނާކަމެކެވެ.