ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑް-19 އައްޑޫސިޓީން ފެނި، އެ ސިޓީ މޮނިޓަރިންގއަށް ލާފައިވާއިރު، ޙާލަތު އިތުރަށް ގޯސްވަމުންދާކަން ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށެވެ. އަދި މިހާރުގެ ޙާލަތަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 17 ފެބްރުއަރީ ވާ ބުދަ ދުވަހުގެ މަޢްރިބް ނަމާދުން ފެށިގެން، 23 ފެބްރުއަރީ ވާ އަންގާރަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް އައްޑޫސިޓީގެ ހުރިހާ މިސްކިތެއްގައި ޖަމާއަތް ނުހެދުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
އޭގެ އިތުރުން، މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި "ޞައްލޫ ފީ ބުޔޫތިކުމް" ("ނަމާދަށް އަވަހަށް އަންނާށޭ" ގެ ބަދަލުގައި "ތިޔަބައި މީހުންގެ ގޭގައި ތިބި ތަނެއްގައި ނަމާދު ކުރާށޭ") 2 ފަހަރު ގޮވުމަށް އިމާމުންނަށް ވަނީ އަންގާފައެވެ. މީގެ ކުރިން މާލެ ސަރަޙައްދުގައި ކޮވިޑް-19 ގެ ޙާލަތު ގޯސްވެ، ފުރަބަންދުކުރި އިރު މާލޭ ސަރަޙައްދުގައި ވެސް މިބީދައިން ބަންގީގައި އަމަލު ކޮށްފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ނަމާދު ބަރާބަރަށް އަދާ ކުރުމާއި، އަޅުކަންތައް އަދާ ކުރުމުގެ އިތުރުން، ކަމާބެހޭ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.