މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި މުދާ އުފުލުމުގެ ތެރޭގައި އަނިޔާވި ހދ. ނޮޅިވަރަން، ނައިޓް ޑްރީމް، އިމްރާން އަލީ، 28، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ގެންދިއުމަށް ފަހު އިތުރު ފަރުވާއަށް އިމްރާން އިންޑިއާއަށް ގެންގޮސްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.
އެމްޕީއޭލްގައި ކާޕެޓުތަކެއް ލޯޑުކުރުމަށް އުޅުމުގެ ތެރޭގައި ކެރޭން ކެނޑި އިމްރާންގެ ގައިމައްޗަށް ކާޕެޓް ރޯލެއް ވެއްޓި އޭނާއަށް ވަނީ ގިނަ އަނިޔާތަކެއް ވެފައެވެ.
އެ ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާރޕެޓް ރޯލު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި ތަހުގީގު ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ. އަދި މައްސަލަ ބަލާ ނިމުމުން އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެމްޕީއެލްގައި މި ހާދިސާ ހިނގާފައި މިވަނީ މިދިޔަ މަހު ވެސް އެމްޕީއެލްގައި ހިނގި މިފަދަ ނުރައްކާތެރި ހާދިސާއެއްގައި ޒުވާނަކު ނިޔާވެފައިވަނިކޮށެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެމްޕީއެލް ކޮންޓެއިނާއެއްގެ ތެރޭގައި ބިއްލޫރި ޕެލެޓުތަކެއް ވެއްޓި އޭގެ ދަށުވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. އެ ހާދިސާގައި ދެމީހަކަށް އަނިޔާވިއިރު މަރުވީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމްއެވެ.