ލައިސަންސް ނުލައި ދުއްވުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރަށްވެހި ފަތިސް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތުގެ ތެރެއިން އަތޮޅުތަކުން ކައުންސިލްއަށް ކުރިމަތިލެއްވި މެމްބަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ބޭއްވެވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 18 އަހަރު ނުފުރޭ ކުދިން ލައިސަންސް ނުލައި ދުއްވައިގެން ޖޫރިމަނާ ކޮށްފައި އެބަހުރި ކަމަށާއި، ރަށްރަށުގެ އިތުރުން މާލޭގައި ވެސް މި މައްސަލަ ވަރަށް ބޮޑު ކަމަށެވެ.
ރައީސް ވިދާޅުވީ ލަސްތަކެއް ނުވެ އެ މަނިކުފާނު މިކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި އެކުދިންނަށް ލައިސަންސް ނެގިގެންދާނެ އިންތިޒާމް ވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޖޫރިމަނާއެއް ދައްކަން އޮވެއްޖެއްޔާ ކައިވެނި ވެސް ނުކުރެވޭ. ބައެއް ކުދިން ކައިވެނިކުރަން ދިޔައިމަ ކޯޓުން މި އަންގަނީ އެބައޮތޭ ޖޫރިމަނާއެއް. އެ ޖޫރިމަނާއެއް ނުދައްކަނީސް ކައިވެނި ނުކުރެވޭނެ. އެގޮތަށް ދިމާވެފައިވާ ކުދިން ވެސް އެބަތިބި. އެކަން އެގޮތަށް ވެގެން ނުވާނެ. އަޅުގަނޑުމެން އެކަމަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނަން،ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު
ރަށްވެހި ފަތިސް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި ކެންޑިޑޭޓުން ހުށަހަޅާފައިވާ އިޖްތިމާޢީ ގިނަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.