ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތަކުގެ ގޮތުގައި ފެބްރުއަރީ 11 ގެ ނިޔަލަށް 941.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މިހާތަނަށް 419 ފަރާތަކަށް 585.9 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މި ލޯނަށް އެދި ޖުމްލަ 602 ފަރާތަކުން ފޯމް ހުށަހެޅިނަމަވެސް، ލޯން އެޕްރޫވަލް ލިބުނީ 441 ފަރާތަކަށެވެ. އޭގެތެރެއިން 20 ފޯމެއް ވަނީ ރިޖެކްޓް ކޮށްފައެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކަށް ބަލާއިރު، 2,108 ފަރާތްތަކަށް 355.4 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 659 ފަރާތަކަށް ދޫކޮށްފައިވާ 19.7 މިލިއަން ރުފިޔާގެ ލޯނާއި ކުދި އަދި މެދު ފަންތީގެ 1,449 ވިޔަފާރިތަކަށް ދޫކޮށްފައިވާ 335.7 މިލިއަން ރުފިޔާގެ ލޯނެވެ. މިހާތަނަށް 4,086 ފަރާތަކުން އެސްޑީއެފްސީގެ ރިކަވަރީ ލޯނަށް އެދިފައިވާއިރު، އެޕްރޫވަލް ލިބުނީ 2,204 ފަރާތަކަށެވެ.
ކޮވިޑް-19 ވިޔަފާރި އެހީގެ ދަށުން އަންހެން މަސައްކަތްތެރިންގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން ލޯނު ދޫކުރަމުން އަންނައިރު، މިހާތަނަށް 117.4 މިލިއަން ރުފިޔާގެ ލޯން، 576 ފަރާތަކަށް ދިނުމަށްވަނީ އެޕްރޫވްކޮށްފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 131 ފަރާތަކަށް 3.9 މިލިއަން ރުފިޔާ އާއި 445 އެސްއެމްއީތަކަށް 113.5 މިލިއަން ރުފިޔާގެ ލޯނެވެ.
ބީއެމްއެލް އަދި އެސްޑީއެފްސީން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާ އިރު، ލޯން ދޫކުރަނީ %6 އިންޓްރެސްޓް ރޭޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއަޑަކާ އެކުއެވެ.
ބީއެމްއެލްއިން ރިސޯޓްތަކަށާއި ފާއިތުވި އަހަރުގެ ޓާންއޯވަރ 10 މިލިއަން ރުފިޔާއަށް ވުރެ އިތުރު ވިޔަފާރިތަކަށް ލޯނު ދޫކުރާއިރު، އެސްޑީއެފްސީން ލޯނު ދޫކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށެވެ.