ކ. މާލެ
|
16 ފެބްރުއަރީ 2021 | އަންގާރަ 12:44
ސިއްހީ ހިދުމަތްތެރިން މާލޭގައި ހަރަކާތްތެރިވަނީ
ސިއްހީ ހިދުމަތްތެރިން މާލޭގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ކޮވިޑް-19 އަށް ކުރާ ހަރަދު
ސަރުކާރުން ކޮވިޑަށް ކުރި ޚަރަދު 3 ބިލިއަނަށްވުރެ މައްޗަށް
 
އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 941.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި
 
ކޮވިޑް-19 އާ ގުޅުންހުރި ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް ހަރަދުކޮށްފައި ވަނީ 1,482.2 މިލިއަން ރުފިޔާ
 
ކޮވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ހަރަދުކޮށްފައި ވަނީ 1,530.2 މިލިއަން ރުފިޔާ

ކޮވިޑް-19 އާ ގުޅުންހުރި އެކި މަސައްކަތްތަކަށް ސަރުކާރުން 3,012.4 މިލިއަނަށް ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ފެބްރުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ކޮވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން 1,530.2 މިލިއަން ރުފިޔާ އާއި ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް 1,482.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް އެންމެ ބޮޑު ޚަރަދެއް މިހާތަނަށް ކޮށްފައިވާ އިރު، އެ އިދާރާއިން އެކަނިވެސް 867.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.

މީގެ އިތުރުން، އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން 90.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، ހެލްތު މިނިސްޓްރީ އިން ޚަރަދުކޮށްފައި ވަނީ 356.9 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ ޚަރަދުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން ވަނީ 37.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ފޮރިން މިނިސްޓްރީ އިން 6.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، ޖެންޑަރ މިނިސްޓްރީ އިން ޚަރަދުކޮށްފައި ވަނީ 3.7 މިލިއަން ރުފިޔާއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 3.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އޭގެ އިތުރުން އެމްއެންޑީއެފް އިން 43 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، ފުލުހުންގެ އިދާރާއިން ޚަރަދުކޮށްފައި ވަނީ 31.1 މިލިއަން ރުފިޔާއެވެ. އިމިގްރޭޝަން މެދުވެރިކޮށް ނުވަ ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި ނެޝަނަލް ޑްރަގް އެޖެންސީ އިން 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް ފިނޭންސްއިން ބުނެއެވެ.

މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ޚަރަދުކޮށްފައި ވަނީ 29 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ސިއްޙީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސް އަށް 635.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ކެޕިޓަލް އިކުއިޕްމެންޓް އަށް 200.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، އޮޕަރޭޝަނަލް ސަރވިސަސް އަށް ޚަރަދުކޮށްފައި ވަނީ 186.5 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 އަށް ސަރުކާރުން ކުރި ޚަރަދުތަކުގެ ތެރެއިން ގްރާންޓްސް ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސް އަށް ހޭދަކޮށްފައި ވަނީ 122.8 މިލިއަން ރުފިޔާއެވެ. ސަޕްލައިސް އަދި ރިކުއިސިޓްސް އަށް 94 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހޭދަކޮށްފައި ވަނީ 99.1 މިލިއަން ރުފިޔާއެވެ.

ދައުލަތުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 284.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 941.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ރިސޯޓް ތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 585.9 މިލިއަން ރުފިޔާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ 355.4 މިލިއަން ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް