ރާއްޖެއިން އިތުރު 125 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން އިތުރު 125 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 104 މީހަކު ހިމެނެއެވެ. އަދި ރަށްރަށުން ޕޮޒިޓިވްވި 14 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހެއްގެ އިތުރުން، އިންޑަސްޓްރިއަލް ރަށްރަށުން ޕޮޒިޓިވްވި މީހަކުވެސް ހިމެނެއެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 17،953ށް އަރާފައެވެ.
އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޓެސްޓު ކުރުމަށް ނަގާފައިވަނީ 4889 ސާމްޕަލްއެކެވެ. އެއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރުމަށް ނަގާފައިވާ ސާމްޕަލްތަކުގެ ޖުމްލަ އަދަދު ވަނީ 466،545ށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން ނިޔާވެފައިވަނީ 58 މީހެކެވެ. އަދި މިވަގުތުވެސް 190 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 2328 އެވެ.
ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 15،560 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.