ތިލަދުންމަތީ އުތުރުބުރީ ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބިންތައްދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޢާންމުކޮށް ޢިއުލާންކޮށްގެން، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުއްޔަށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައި ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެކައުންސިލުން އާއްމުކޮށް ޢިއުލާނުކުރުމަށް ނިންމާފައިވަނީ ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް 5000 އަކަފޫޓުގެ 12 ބިމާއި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމަށް 10،000 އަކަފޫޓުގެ 2 ބިމެވެ.
މި ފަހުމުނާމާގައި ކެލާ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ ރައީސް އާދަމް ޤުފްރާން އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މުހައްމަދު ޚައްސާނެވެ. ޒޫމް މެދުވެރިކޮށް ބޭއްވި މި ރަސްމިއްޔާތުގައި ކެލާދާއިރާގެ މެމްބަރު ޢިބްރާހިމް ޝަރީފް ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ.
ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ކައުންސިލްގެ ބައިވެރިވުން އިތުރު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭކަމެވެ. ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
މިހާރު ޓޫރިޒަމް މިނިސްޓްރީއާއި ކައުންސިލްތަކާ ގުޅިގެން ފަތުރުވެރިކަމަށް ބިން ދޫކުރުމުގެ ތަފާތު މަރުހަލާތަކުގައި މަސައްކަތް ކުރިއަށްދާ ކައުންސިލްތަކަކީ ކެލާގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް، ގދ. ވާދޫ ކައުންސިލާއި ހއ. ހޯރަފުށީ ކައުންސިލެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމާބެހޭ މަޝްވަރާތައް މި މިނިސްޓްރީން ކައުންސިލްތަކާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.