ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 11:58
ފެބްރުއަރީ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ވޭނުގެ ތެރެއިން ފެނުނު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް
ފެބްރުއަރީ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ވޭނުގެ ތެރެއިން ފެނުނު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް
ޕޮލިސް
ތިން މީހަކު ހައްޔަރުކުރުން
ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ތިން މީހަކު ހައްޔަރުކޮށްފި
މި މައްސަލަތައް ހުޅުމާލެ ޕޮލިސްއިން ދަނީ ތަހުގީގުކުރަމުން

ހުޅުމާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ހަރަކާތްތެރިވާ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންޑް ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނާއި ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ތިން މީހުންގެ ތެރެއިން 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ދެއަކުން ގިނަ އަދަދެއްގެ ބަނގުރާ އަރުވައިގެން ވޭނެއް ހުޅުމާލެ ހިތިގަސްމަގުން ދުއްވާފައިދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުރޭ 22:06 އެހާކަންހާއިރުއެވެ. އަދި އެމީހާ ދުއްވި ވޭން ހުއްޓުވައި، ބަލައި ފާސްކުރިއިރު އެކި ބްރޭންޑްތަކުގެ 45 ފުޅި ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

22 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ފުޅިތަކެއް ހުރި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެރޭ 20:20 އެހާކަންހާއިރު ހުޅުމާލެ މެރީނާވިއު ރެސިޑެންސް ބިލްޑިންގ ކައިރިންނެވެ. އަދި އެ ދެމީހުން ހުއްޓުވައި، ސައިކަލް ފަހަތުގައި އިން 19 އަހަރުގެ މީހާ ހިފަހައްޓައިގެން އިން ދެ ފޮށިގަނޑު ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 12 ފުޅި ފެނިފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މި މައްސަލަތައް ހުޅުމާލެ ޕޮލިސް އިން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް