ކ. މާލެ
|
1 މެއި 2017 | ހޯމަ 22:42
މޭޑޭ ފާހަގަކުރަން 2015 ވަނަ އަހަރު ބޭއްވި އެއްވުމުގެ ތެރެއިން
މޭޑޭ ފާހަގަކުރަން 2015 ވަނަ އަހަރު ބޭއްވި އެއްވުމުގެ ތެރެއިން
ޓްވިޓަރ
މޭޑޭ
މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް
ސިޔާސީ ގޮތުން އިދިކީލި ފިކުރުގެ މީހުން ވަޒީފާ އިން ވަކިކުރުމާއި އެ ނޫން ވެސް އުނދަގޫތައް ދަނީ ކުރިމަތިކުރުވަމުން
ވަޒީފާގެ ބިރު އިންތިހާ އަށް ވަނީ ބޮޑުވެފައި
މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަ ދެއްކޭނެ ގޮތެއް ނެތް

މޭޑޭ ނުވަތަ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހަކީ އެ މީހުންގެ ހައްގުތަކުގެ ވާހަކަ ދެކެވޭ ދުވެހެވެ. މި ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތައް ބާއްވައެވެ. ރާއްޖޭގައި މި ދުވަސް އެންމެ ފުރަތަމަ ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ފެށީ އެމްޑީޕީންނެވެ. މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ހިނގާލުންތަކަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑެތި ހިނގާލުންތައް ކަމަށް ވަނީ ވެފައެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ގުޅިގެން ބޭއްވި ބިޔަބޮޑު މުޒާހަރާ ފާހަގަކޮށްލެވެއެވެ. އެއީ މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުމަށް ވަނީ ވެފައެވެ. އެހެން ކަމުން މި ސަރުކާރަށް މި ދުވަސް ސިފަކުރެވެނީ ހިތި ދުވަހެއްގެ ގޮތުގައެވެ.

މޭޑޭއަކީ މަސައްކަތްތެރިންގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް މި ދުވަސް ވެފައި ވަނީ މި ސަރުކާރުގެ މޫނުމަތީގައި ޖެހިފައިވާ ބޮޑު ލައްގަނޑަކަށެވެ. މީގެ ދެ އަހަރު ކުރިން ބޭއްވި އެއްވުމަކީ މުޅި ސިޔާސީ މަޝްރަހް ބަދަލުކޮށްލި އެއްވުމެކެވެ. އަދި އެ ދުވަސް ވެގެން ގޮސްފައި ވަނީ ރައްޔިތުންނަށް ލިބިފައިވާ އެތައް ހައްގެއް ނިގުޅައިގަންނަން ފެށި ދުވަހަށެވެ.

އެ ދުވަހުގެ އެއްވުމަށް ފަހު ސިޔާސީ ލީޑަރުންނަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އަދާލަތު ޕާޓީގެ ލީޑަރު ޝައިޚް އިމްރާން އަބްދުﷲ އެ ދުވަހު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ހިފާ ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާކޮށް މިހާރު ވަނީ ޖަލަށް ލާފައެވެ. ދެން އެ ދުވަހު އިސް ސަފުގައި ތިއްބެވި ގިނަ ސިޔާސީ ފަރާތްތަކުގެ މައްޗަށް ވެސް ދައުވާކުރުމުގެ ބިރު އޮތުމުން އެ ފަރާތްތަކަށް ވަނީ ރާއްޖެ ދޫކޮށް ދާން މަޖުބޫރުވެފައެވެ. އެ ގޮތުން އޭރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި މި ސަރުކާރުގެ ފުރަތަމަ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުން މިހާރު ތިއްބެވީ އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައެވެ.

އެ ދުވަހަށް ފަހު މަގުތަކަށް އެއްވުމުގައި ސަރުކާރުން ގެންދަނީ ހުރަސްތައް ކުރިމަތުކުރުވަމުންނެވެ. އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި މާލޭގައި ކާނިވާ ސަރަހައްދުގައި ނޫނީ ސިޔާސީ އެއްވުމެއް ނުބޭއްވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

މީގެ ދެ އަހަރު ކުރިން ހިނގި މި ކަންކަމަށް ފަހު މިހާރު ރާއްޖޭގައި މޭޑޭ ފާހަގަކުރެވެނީ ހަމައެކަނި މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި ސިޔާސީ ގޮތުން މި ސަރުކާރަށް ލަދުވެތި ދުވަހެއްގެ ގޮތުގައެވެ.

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާ އިރު މިއަދު މަސައްކަތްތެރިންގެ އެތައް ހައްގެއް ވަނީ ގެއްލިފައެވެ. މަސައްކަތްތެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ސިޔާސީ ގޮތުން ބޭނުން ފިކުރެއް ގެންގުޅުމުގެ މިނިވަންކަމެއް ނެތެވެ. ސަރުކާރު ހިންގާ ޕާޓީން ބާއްވާ ޖަލްސާތަކަށް ދިއުން ލާޒިމުކުރެއެވެ. އިދިކޮޅު ޕާޓީ އަށް ނިސްބަތްވާ މެންބަރެއް ނަމަ ވަޒީފާ ގެއްލުމުގެ ބިރު އޮވެއެވެ. ހާއްސަކޮށް އިދިކޮޅު ޕާޓީތަކުގެ ޖަލްސާތަކުގައި ބައިވެރިވެ ނުވަތަ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރާ ނަމަ ވަޒީފާ ގެއްލެއެވެ. ނުވަތަ ވަޒީފާ ދައްކުރެއެވެ. ނުވަތަ ތިމާ އުޅޭ ރަށް ނޫން އެހެން ރަށަކަށް ނުވަތަ މާ ދުރު ސަރަހައްދަކަށް ބަދަލުކުރެއެވެ. މިފަދަ އެތައް މަންޒަރެއް ދަނީ ފެންނަމުންނެވެ.

އަނެއްކޮޅުން މަސައްކަތްތެރިންނަށް ރަނގަޅު ގޮތްތައް ހަދައިދޭނެ ކަމަށް ބުނެ ވީ ވައުދުތައް މަތިން ސަރުކާރު ވަނީ ހަނދާންނެތިފައެވެ. ދަނޑުވެރިންނަށް ދޭން ބުނި 8،000ރ. އާއި ބެޔަސް ނުބެޔަސް މަސްވެރިންނަށް ދޭން ބުނި 10،000ރ. އާއި ރިސޯޓްތަކުން ދޭން ބުނި ހިއްސާ މަތިން ސަރުކާރުން ހަނދާން ނެތްތަނުގައި އެ ފަރާތްތަކަށް ކުރަމުން ދަނީ އިތުރަށް ޖެއްސުމެވެ. މަސްވެރިން ބާނާ މަހުގެ ހަމަ އަގު ނުލިބެއެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ނަމަ ކިރޭނެ ގޮތެއް ހޯދައި ނުދީ ބާނާ މަސްކޮޅު ކަނޑަށް ވަނީ އުކާލަންޖެހިފައެވެ.

މިފަދަ އެތައް ދަތިތަކެއް މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ އިރު މިކަންކަމާ މެދު އަޑު އުފުލޭނެ ގޮތެއް ނެތެވެ. ހަޅުތާލުކުރުމާއި މުޒާހަރާކުރުމަކީ ގާނޫނުއަސާސީ ކަށަވަރުކޮށްދޭ ކަމަކަށްވީ ނަމަވެސް ގާނޫނުއަސާސީގެ މައްޗަށް ގާނޫނުތައް ހަދައި އެ ހައްގުތައް ވަނީ ހަނިކުރެވިފައެވެ. ނުވަތަ ނިގުޅައިގެންފައެވެ. އެކަމާ މެދު ބަހެއް ބުނެލާނެ އިދާރާއެއް ނެތެވެ. ގާނޫނުއަސާސީގެ މައްޗަށް ގާނޫނުތައް ބާރު ހިންގަމުންދާ އިރު އެއީ ގާނޫނާ ހިލާފް ނިންމުންތަކެއްކަން ބުނެދޭން އޮތް އިދާރާތަކާއި ސުޕްރީމް ކޯޓުން ބަހެއް ނުކިޔައެވެ. އެ ވާހަކަ ދައްކަން އިދިކޮޅު ފަރާތްތަކަށް އޮތް ހުރިހާ ދޮރެއް ވަނީ ބަންދުކޮށްފައެވެ. މަސައްކަތްތެރިންނަށް ވެސް އެ ވާހަކަ ދެއްކުމުގެ ހައްގެއް މި ސަރުކާރުގައެއް ނެތެވެ. އެހެން ކަމުން މަސައްކަތްތެރިންގެ ހައްގުތަކައިގެން އަޑު އުފުލޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް