ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ރަށްފެހި ޕްރޮގްރާމްގެ ދަށުން މިއަހަރުގެ އަމާޒަކީ 5000 ގަސް އިންދުން ކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ "ރަށް ފެހި" ޕްރޮގްރާމް މި އަހަރުވެސް މާލެ ސަރަހައްދު ފިޔަވައި އެ ކުންފުނިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި އާދިއްތަ ދުވަހު ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ކުރިން މި ޕްރޮގްރާމްގެ ދަށުން 2019 ގައި 2000 ގަސް އަދި 2020 ގައި 3000 ގަސް އިންދާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ރަށްފެހި ޕްރޮގްރާމަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު މުޅި ރާއްޖެ ފެހިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ފައްޓަވައިދެއްވި ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ސަރުކާރުގެ އެކި އޮފީސްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ދަނީ ބައިވެރިވި، ރާއްޖެ ފެހިކުރުމުގެ މަސައްްކަތް ކުރަމުންނެވެ.
ސްޓެލްކޯއިން ގަސް އިންދުމުގެ ޕްރޮގްރާމް ފަށާފައިވާއިރު ކޮވިޑް-19ގެ ހާލަތުގައި ވެސް ނިމިދިޔަ 2020 ވަނަ އަހަރަކީ ސްޓެލްކޯ އަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިކަމާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ މީގެ ކުރިން ވިދާޅުވެފައިވަނީ މި ފެށުނު އަހަރުގެ ލަނޑުދަނޑިތައް ކަނޑައެޅުމަށް މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކޮށް ވަކި މިސްރާބަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
2020 ވަނަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބުގެ އަހަރެއްކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ، ކޮވިޑުގެ ސަބަބުން މާލެ ސަރަހައްދު ލޮންޑައުން ކުރުމުން އެ ކުންފުނީގެ 220 މުވައްޒަފުން މަސައްކަތްކުރީ އޮފީހުގައި ލޮކްޑައުންވެ ތިބެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އިޢުލާން ކުރައްވާފައިވާ ގޮތަށް 2021 އަހަރަކީ ގައުމު އާރާސްތުކުރުމުގެ އަހަރުކަމަށްވާތީ، ރާއްޖޭގެ ހަކަތައިގެ ސިނާޢަތުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ މި އަހަރުގެ އަމާޒަކީ ޚަރަދު ކުޑަކުރުމާއެކު، އާ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި، ފޯރުކޮށްދިނުމާއި ސްމާޓް މީޓަރު ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުން ކަމަށް މުޣުނީ ވިދާޅުވިއެވެ.