ނ. އަތޮޅު މާފަރުގައި ސޮނެވާ ފައުންޑޭޝަނާއި، ވެލާ ޕްރައިވެޓް ރިސޯޓް ގުޅިގެން ހަދާފައިވާ ލެބުން ކޮންމެދުވަހަކު ވެސް ކޮވިޑް-19 އަށް ދިވެހިންނަށް 100 ޓެސްޓް ހިލޭ ހަދައިދޭނެ ކަމަށް ބުނެފިއެވެ.
ސޮނޭވާ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިންނަށް ކޮންމެ ދުވަހަކު 100 ޓެސްޓް ހިލޭ ހަދައިދޭ ގޮތަށް ނިންމި މައިގަނޑު އެއް ސަބަބަކީ، ދައުލަތުން ކޮވިޑް 19 ހުއްޓުވުމަށް ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ އެހެން ކުންފުނިތަކަށް ނަމޫނާ ދެއްކުމުގެ ބޭނުމުގައި ކަމަށެވެ.
ދިވެހިންނަށް ހިލޭ ޓެސްޓް ހަދައިދީ އަދި ރިސޯޓްތަކަށް ހަދައިދޭ ޓެސްޓްގެ އަގު ދަށް ކުރީ ލެބްގެ ޓެސްޓިން ކެޕޭސިޓީ އިތުރުންވުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މިދިޔަ އަހަރުގެ ޖުލައިމަހު މިތަން ހުޅުވައިގެން ފަތުރުވެރިއަކަށް ޕީސީއާރު ޓެސްޓެއް ހަދައިދެނީ 100 އެމެރިކާ ޑޮލަރަށެވެ. އޭގެ ދުވަސްކޮޅެއްފަހުން އެ އަގު 55 ޑޮލަރަށް ދަށްކުރިއެވެ. އޭގެ ފަހުން ލެބް މަރާމާތުކޮށް އަލުން ހުޅުވުމަށްފަހު، ފަތުރުވެރިއަކަށް ޓެސްޓެއް ހަދައިދެނީ 40 ޑޮލަރަށެވެ.
ސޮނޭވާ ފައުޑޭޝަނުން ބުނީ ބޮޑު މަރާމާތަށްފަހު ލެބް މިދިޔަ ހަފްތާގައި އަލުން ހުޅުވާފައިވާ ކަމަށާއި، އެހެން ކަމުން ތަނުގެ ޖާގަ ތަނަވަސްވެ އިތުރު މެޝިނަރީއާއެކު އެ ލެބް ހިންގަން ފަށާފައިވާ ކަމަށެވެ.