ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 07:03
ވުހާންގައި ކޮވިޑް-19ށް ޓެސްޓް ކުރަނީ - 13 ސްޓްރެއިންއެއް އެ ސިޓީން އެކަނި ވަނީ ފެނިފައި
ވުހާންގައި ކޮވިޑް-19ށް ޓެސްޓް ކުރަނީ - 13 ސްޓްރެއިންއެއް އެ ސިޓީން އެކަނި ވަނީ ފެނިފައި
ސީ.އެން.އެން
ކޮވިޑްގެ އަސްލު ދެނެގަތުން
ވުހާންގައި ވައިރަސް ފެތުރުނު އިރު ވެސް 13 ސްޓްރެއިން އުޅުނު!
 
އެކި މީހުންގެ ސާމްޕަލް ނަގައިގެން ކުރި ޓެސްޓުތަކުން އެނގުނީ 13 ސްޓްރެއިންއެއް ހޫބޭ ޕްރޮވިންސުގައި ފެތުރުނުކަން
 
އެންމެ ފުރަތަމަ ވައިރަސް ފެތުރެން ފެށީ އޮކްޓޯބަރުގައި ކަމަށް ވަނީ ބެލެވިފައި
 
ޑިސެމްބަރުގައި ވައިރަސްގެ ފުރަތަމަ ކޭސް ރިޕޯޓު ކުރެވުނު އިރު ވެސް ހޫބޭ ޕްރޮވިންސްގައި ވައިރަސް ދިޔައީ ފެތުރެމުން

2019 ވަނަ އަހަރު ވުހާންގައި ކޮވިޑް-19 ފެތުރިގެން ދިޔަ ގޮތާ މެދު އަންދާޒާ ކުރެވު ވަރަށްވުރެ ބޮޑަށް ވައިރަސް ފެތުރިގެން ގޮސްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޗައިނާގައި އެންމެ ފުރަތަމަ ވައިރަސް ފެނުނު ވުހާން ސިޓީގައި ވައިރަސް ފެތުރުނު ގޮތުގެ އަސްލު ދެނެގަތުމަށްޓަކައި ޑަބްލިއުއެޗްއޯގެ ޓީމަކުން ދަނީ ވުހާންގައި ހަރަކާތްތެރިވަމުންނެވެ. ވުހާންގައި ހަރަކާތްތެރިވާ ޓީމުން ވައިރަސްގެ އަސްލު ދެނެގަތުމަށް ކުރަމުން އަންނަ މަސައްކަތުން މިހާތަނަށް އައި އިރު ވަނީ ހައިރާންކުރަނިވި ހޯދުންތަކެއް ހޯދާފައެވެ. އެގޮތުން ވައިރަސް އެންމެ ފުރަތަމަ ފެތުރިގެން ދިޔަ ގޮތާއިމެދު އެއިރު ގަބޫލުކުރެވުނު ކަންތައްތަކަށް ވުރެ ބޮޑަށް އެކަން ހިނގާފައިވާކަމަށް ޓީމުން ބުނެއެވެ.

މަސައްކަތްތައް ކުރުމަށް ހުރަސްތަކެއް ހުރި ނަމަވެސް، މިހާރު ދެނެގަނެވިފައިވާ މައުލޫމާތުތަކުގެ މައްޗަށް ރިއާޔަތްކޮށް އެތައް ހާސް މީހުންގެ ލޭގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޗައިނާއިން އެކަމަށް އަދިވެސް ހުއްދަ ނުދެއެވެ.

ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމުގައި ހިމެނޭ އެންމެ އިސް އިންވެސްޓިގޭޓަރ ޕީޓަރ ބެން އެމްބަރެކް ވިދާޅުވެފައިވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އިންޓަވިއުތަކުން އެނގިގެން ދިޔައީ 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ވައިރަސް ފެތުރިގެން ދިޔަ އިރު އެކަން ހިނގާފައިވަނީ އަންދާޒާކުރި ވަރަށް ވުރެ ބޮޑުކޮށް ކަމަށާއި، އެތައް ވައްތަރެއްގެ ސްޓްރެއިން އެއިރު ވެސް ވުހާނުން ފެނުނު ކަމަށެވެ. އަދި އެންމެ ފުރަތަމަ ބަލި ޖެހުނު މީހާއާ ބައްދަލު ކުރި ކަމަށާއި، އޭނާ އަކީ އެއްވެސް ދަތުރެއް ކުރި ކަމުގެ ހިސްޓްރީއެއް އޮތް މީހެއް ނޫން ކަން އެނގިފައިވާ ކަމަށެވެ. ވުހާންގައި ބަލިޖެހުނު ފުރަތަމަ މީހާ ޕޮޒިޓިވްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

ވައިރަސްގެ އަސްލު ދެނެގަތުމަށް ކުރަމުންދާ މަސައްކަތް ލަސް ނަމަވެސް، މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތައް ދައްކާ ގޮތުން، ވައިރަސްގެ އަސްލު ހޯދުމަށް މަސައްކަތް ކުރަމުންދާ އެހެން ސައިންސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ، ކަންކަމުގެ ތެރެއިން ޑިސެމްބަރުގެ މެދުތެރެއިން ވައިރަސް ފެތުރެން ފެށުމުގެ މާކުރިން ވެސް ޗައިނާގައި ވައިރަސް ފެތުރެމުންދިޔަކަމަށް މިހާރު ވަނީ އަންދާޒާކުރެވިފައެވެ.

ޗައިނާގައި ކުރަމުންދާ ތަހުގީގަށްފަހު ސްވިޒަލޭންޑަށް އެނބުރިވަޑައިގެން އެމްބަރެކް ވިދާޅުވެފައިވަނީ މިހާތަނަށް ހޯދުނު އާ ހޯދުންތަކުގެ ތެރޭގައި ޑިސެމްބަރު މަހުގެ ތެރޭގައި ވައިރަސް އެތައް ގުނައެއް އިތުރަށް ފެތުރިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ އައު ހޯދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ފުޑް ސޭފްޓީ ސްޕެޝިއަލިސްޓުގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ އެމްބަރެކް ވިދާޅުވީ ވުހާންގައި ޑިސެމްބަރު މަހުގެ ތެރޭގައި 174 ކޭސްއެއް ރިޕޯޓް ކުރެވުނު އިރު، މީގެ ތެރެއިން 100 މީހުން ހަށިގަނޑުގައި ވައިރަސް ހުރިކަން ކަށަވަރު ކުރީ ލެބޯޓަރީ ޓެސްޓްތަކުން ކަމަށެވެ. އަދި ބާކީ 74 މީހުންގެ ހަށިގަނޑުގައި ވައިރަސް ހުރިކަން ދެނެގަނެވުނީ ފެންނަން ހުރި އަލާމާތްތަކުން ކަމަށެވެ.

އަދި މި އަދަދުތަކަށް ބަލާ އިރު، ޑިސެމްބަރު މަހު އެކަނި ވެސް ވުހާނުން 1000ށް ވުރެ ގިނަ މީހުން ބައްޔަށް ހުށަހެޅުނު ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި މުޅި އާބާދީގެ 15 އިންސައްތަ މީހުންގެ ފަރާތުން ބޮޑެތި އަލާމާތްތައް ފެނުނު އިރު، ގިނަ މީހުންގެ ފަރާތުން ފެނުނީ އާދައިގެ ކަންކަން ކަމަށެވެ.

އެމްބަރެކް ވިދާޅުވީ 17 ސައިންވެރިން ހިމެނޭ ޑަބްލިއުއެޗްއޯގެ ޓީމާއި ޗައިނާގެ 17 ސައިންވެރިންނާއެކު ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރެއިން ޑިސެމްބަރު މަހު ފެނުނު ކޭސްތަކުގައި ހިމެނޭ ވައިރަސްގެ ޖެނެޓިކް މެޓީރިއަލް ތަހުލީލުކޮށްފައިވާ ކަމަށެވެ. އަދި މިއާއެކު ތަފްސީލީ މަސައްކަތެއް ކުރެވި ނަތީޖާ އައި އިރު، SARS-COV-2 އިން ފުރަތަމަ ފަހަރަށް ވެސް ތަފާތު 13 ޖެނެޓިކް ސީކުއެންސެއް ފެނިފައިވާ ކަމަށެވެ.

އަދި ބަލި ޖެހުނު ގިނަ މީހުންގެ ޑާޓާތަކާއެކު މި ސިކުއެންސްތައް އިތުރަށް ތަހުލީލުކޮށްފިނަމަ ޑިސެމްބަރު މަހުގައި ވައިރަސް ފެތުރިގެންދިޔަ ގޮތާއި، އުފެދުނު ހިސާބާއި، ވަގުތު ދެނެގަތުމަށް ފަސޭހަވާނެ ކަމަށެވެ.

އެމްބަރެކް ވިދާޅުވީ ބައެއް ފަރާތްތަކަކީ މާރުކޭޓުގައި އުޅުނު ފަރާތްތައް ކަމަށާއި، އަނެއް ބައި މީހުންނަކީ މާރުކޭޓުތަކާއި ގުޅުން ނެތް ބައެއް ކަމަށެވެ. މާރުކޭޓާ ގުޅުން ހުރި މީހުންނަށް ބަލާ އިރު މީގެ ތެރޭގައި ވުހާންގެ ހުނާން ސީފުޑް މާރުކޭޓުގައި އުޅުނު މީހުން ވެސް ހިމެނެއެވެ. ކޮވިޑް ވައިރަސް ފެތުރުނީ ހުނާންގެ ސީފުޑް މާރުކޭޓުން ކަމަށް މީގެ ކުރިން ހަބަރު ފެތުރިފައިވީ ނަމަވެސް، މިހާރު އެ މައުލޫމާތާ ދޭތެރޭގައި ސުވާލުތައް އުފެދެއެވެ.

ވޭރިއެންޓްތަކާއެކު ގިނަ ސުވާލުތަކެއް

ވައިރަހެއްގެ ޖެނެޓިކް މޭކްއަޕްއަށް ބަދަލު އައުމަކީ އާންމު ކަމެކެވެ. އަދި އެކަމުގައި ނުރައްކަލެއް ނުވެއެވެ. އަދި ވަގުތާއެކު ވައިރަސް އެއްތަނުން އަނެއްތަނެއް ދަތުރުތައް ކޮށް އަލުން އުފެދެއެވެ. ނަމަވެސް ޗައިނާގެ ވުހާނުން ފެނުނު 13 ސްޓްރެއިންއާއެކު އެމްބަރެކް ވަނީ އަދި ވަކި ގޮތަކަށް ކަންކަން ނިންމާލަށް ދެކޮޅު ހައްދަވާފައެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ވެސް މި ސްޓްރެއިން އުޅޭކަމަށް ހޯދިފައިވާ ހޯދުމާއެކުއެވެ.

އަދި ތަފާތު ވޭރިއަންޓް ފެނިފައިވާތީ، މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ވައިރަސް ފެތުރެމުން ދިޔަކަށް ބެލެވިދާނެކަމަށް އޭނާ ވިދާޅުވެއެވެ. އަދި ވައިރަސްގެ ދިރާސާތައް ކުރާ ފަރާތްތަކުން ވެސް މީގެ ކުރިން ވަނީ މިކަންކަމަށް ވަކާލާތުކޮށް ވާހަކަ ދައްކާފައެވެ.

ޔުނިވަރސިޓީ އޮފް ސިޑްނީގައި ވައިރޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޕްރޮފެސަރ އެޑްވަރޑް ހޯލްމްސް ވިދާޅުވީ ވުހާނުން ނެގި ސާމްޕަލްތަކުގެ ނަތީޖާތައް ދައްކާގޮތުން ވައިރަސްގެ ޖެނެޓިކަށް އައިސްފައި ހުރި ބަދަލާއެކު 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ވައިރަސް ފެތުރުނުކަމަށް ބެލެވުނު ނަމަވެސް، އޭގެ މާކުރިން ވެސް ވައިރަސް ފެތުރެމުން ދިޔަކަމަށް ބެލެވިދާނެ ކަމަށެވެ.

ޕްރޮފެސަރ ހޯލްމްސް އަކީ މި ވައިރަސްއާ ގުޅޭ ކަންކަން ދިރާސާ ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އޭނާ ވިދާޅުވީ ވައިރަސް ދަތުރުކޮށްފައިވާ ދިގުމިނަކަށް ބަލާ އިރު، 13 ސީކުއެންސުން ދައްކަނީ ވައިރަސް އުޅޭކަމުގެ ނިޝާނެއް ނުފެނި ފެތުރެމުންދިޔަކަމަށާއި، އެހެން ޑާޓާތަކާއި ހޯދުންތަކަށް ބަލާ އިރު، ޑިސެމްބަރު 2019 ގައި ވައިރަސް އިންސާނުންގެ ހަށިގަނޑުން ފެނުމުގެ މާކުރިން ވެސް ވުހާންގައި ވައިރަސް ފެތުރެމުން ގޮސްފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 17 ސައިންސްވެރިންނާއި ޗައިނާގެ 17 ސައިންސްވެރިން ހިމެނޭ ޓީމުން ހޯދާފައިވާ ހޯދުންތަކާ ގުޅޭ ގޮތުން މިހާ ތަފްސީލީ މައުލޫމާތެއް ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ. 3 ގަޑި އިރަށް މި ނޫސްވެރިންގެ ބައްދަލުވުން ދިގުމެދިގެން ދިޔައެވެ.

ޑަބްލިއުއެޗްއޯގެ ސައިންސް ވެރިންގެ ޓީމުގެ ލީޑަރު އެމްބަރެކް ވިދާޅުވީ ޗައިނާގެ ސައިންސްވެރިންގެ ހޯދުންތަކުގެ ތެރެއިން 92 ކޭސްއެއްގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި ކޭސްތަކަކަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ އަދި ނޮވެމްބަރުގެ ކޭސްތަކެއް ކަމަށް އެމްބަރެކް ވިދާޅުވިއެވެ. އަދި މި 92 މީހުންނަކީ އެއިރު ކޮވިޑްގެ އަލާމާތް ފަދަ އަލާމާތްތައް ހުރި މީހުންނެވެ. އަދި އެމީހުން އެއިރު ވަރަށް ބޮޑަށް ބަލިވި ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

މި 92 މީހުންގެ އެންޓިބޮޑީ ޓެސްޓް ހެދުމަށް މިދިޔަ ޖެނުއަރީ މަހު އެމީހުންގެ ގާތު އެހުމުން، މީގެ ތެރެއިން 67 މީހަކު އެކަމަށް އެއްބަސްވިއެވެ. އަދި އެއްމެން ވެސް ނެގެޓިވްކަމަށް ދެއްކިއެވެ. ނަމަވެސް މިހާރު އުފެދިފައިވާ ސުވާލަކީ ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހެއްގެ ހަށިގަނޑުގައި އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން އެންޓިބޮޑީސް ހުރެދާނެކަމާ މެދުއެވެ. ޑަބްލިއުއެޗްއޯއިން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު، ކޮވިޑް ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑު ވައިރަހުން ދިފާއުކޮށްދެނީ 6 ވަރަކަށް މަސް ދުވަހަށެވެ.

ހޫބޭ ޕްރޮވިންސްގައި ވައިރަސް ފެތުރި މި 92 މީހުންނަށް ބަލި ޖެހުނު ގޮތާމެދު ވެސް ޝައުގުވެރިކަން އުފެދި ބައެއް ކަންކަމާ މެދު ސުވާލު އުފެދޭކަމަށް އެމްބަރެކް ވަނީ ވިދާޅުވެފައެވެ. އަދި މި 92 މީހުންނަކީ އެއް ކްލަސްޓަރ އަށް ނިސްބަތްވާ މީހުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވައިރަސް ފެތުރި މަދު ނަންބަރުތަކެއްގެ ގޮތުގައި 2 މަސް ތެރޭގައި ފެތުރި ވުހާން ހިމެނޭ ހުބޭ ޕްރޮވިންސްގައި ވައިރަސްގެ ވަކި ހިއްޕާލިކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެމްބަރެކް ވަނީ ވިދާޅުވެފައެވެ.

"އެއްވެސް ތަނެއްގައި ކްލަސްޓަރއެއް ފެނިފައި ނެތް. އަދި މި 92 މީހުން ލިންކް ވަނީ ކޮރޯނާވައިރަސްއަށް ކަމާމެދު އުފެދޭ ސުވާލުތަކުގެ ސާފު ޖަވާބެއް އަދި ނެތް. އަދި މި 92 މީހުން އެއް ކްލަސްޓަރއެއްގައި ނުހިމެނޭތީ މިކަމުން އެނގޭ ކަންކަން އަދި ހޯދަންޖެހޭ،" އެމްބަރެކް ވިދާޅުވިއެވެ.

މީގެ ކުރިން ހަބަރު ފަތުރާފައިވާ ގޮތަށް ބަލާ އިރު، ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގެ މަސް މާރުކޭޓަކުން ވައިރަސް ފެތުރުނުކަމަށްވެއެވެ. ނަމަވެސް އެމްބަރެކް ވަނީ އެ ވާހަތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައެވެ. އޭނާ މިހެން ވިދާޅުވީ ވުހާންގައި އެންމެ ފުރަތަމަ ބަލި ޖެހުނު މީހާގެ މައުލޫމާތުތަކަށް ރިއާޔަތްކޮށެވެ. އެގޮތުން އެމީހާއާއި މާރުކޭޓާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ދަތުރުކުރުމުގެ ހިސްޓްރީއެއް ވެސް ނެތްކަމަށް އެމްބަރެކް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ އަކީ ހައިކިން އަށް ދާ މީހެއް ނޫން ކަމަށާއި، އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ މީހެއް ކަން އެމްބަރެކް ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
88%
0%
13%
0%
0%
0%
ކޮމެންޓް