ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ. އެގޮތުން ޢަލީ ވަޙީދުގެ ޕާސްޕޯޓާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހަށް ލިބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރު ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ވިދާޅުވެފައިވެއެވެ.
ކްރިމިނަލް ކޯޓުން ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކުރި މައްސަލައިގައި ޕީޖީގެ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ ނުވަވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކުރަން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި އޭރު ނިންމި ނިންމުން އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން ޢަލީ ވަޙީދު ފުރައިގެން ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން ޕީޖީ އޮފީހުން ބުނީ، ކޯޓު އަމުރުގައި އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ޢަލީ ވަޙީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނުކޮށްފައިވާ މީހާގެ މައްޗަށް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުއެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރަމުން ގެންދާނެކަމަށެވެ.
ޢަލީ ވަޙީދު ޖާމިނުކުރުވީ، އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.
ޢަލީ ވަޙީދަކީ މީގެ ކުރިންވެސް ތަޙުޤީޤަށާއި ޝަރީޢަތަށް ހުރަސް އެޅޭނެހެން ފުރައިގެން ދިޔުމަށް ފަހު އެނބުރި ނައިސް ހުރި މީހެއްކަން ފާހަގަކޮށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ ޕާސްޕޯޓް ދޫކޮށްފިނަމަ ދިވެހިރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް މަޑުކޮށް ހެކި ނައްތާލާއި، މައްސަލައިގެ ޝަރީޢަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމުގެ ފުރުޞަތު އޮތްކަމަށް ބުނެފައެވެ.