ކ. މާލެ
|
13 ފެބްރުއަރީ 2021 | ހޮނިހިރު 23:00
މާލޭ މަގުމަތީގައި އެމްބިއުލާންސެއް ދުއްވާފައި ދަނީ- މާލެ ސަރަޙައްދުންވެސް ގިނަ ކޭސްތައް ދަނީ ފެންނަމުން
މާލޭ މަގުމަތީގައި އެމްބިއުލާންސެއް ދުއްވާފައި ދަނީ- މާލެ ސަރަޙައްދުންވެސް ގިނަ ކޭސްތައް ދަނީ ފެންނަމުން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ފިޔަވަޅުތައް ވަރުގަދަ ކުރުން
ފިޔަވަޅުތަކަށް ބޯ ނުލަނބާނަމަ ލޮކްޑައުންއަކަށް ދާނެ ކަމުގެ އިޝާރާތެއް!
މަޤްސަދަކީ ކޮވިޑުގެ އައު ރާޅުން ސަލާމަތްވެވޭނެ ގޮތެއް ހޯދުން
އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުން މުހިއްމު
މާލެ ސަރަޙައްދު ލޮކްޑައުން ކުރިއިރުވެސް ގިނަ މައްސަލަތަކެއް ފެންމަތިވި

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ އިތުރު ލޮކްޑައުންއަކަށް ނުދިއުމުގެ މަޤްސަދުގައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި، އެހެން ނަމަވެސް، ކޭސްތައް ކޮންޓްރޯލް ނުވާނަމަ ހަރުކަށި ނިންމުންތަކެއް ނިންމަން ވެސް ޖެހިދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީން) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ، މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ލޮކްޑައުންއަކަށް ނުގޮސް، ކޮވިޑުގެ އައު ރާޅުން ސަލާމަތްވެވޭނެ ގޮތެއް ހޯދުމުގެ މަޤްސަދުގައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ.

ނާސިރު ވިދާޅުވީ، ލޮކްޑައުންގެ ހިތި ތަޖުރިބާ ތަޙައްމަލު ކޮށްފައިވުމާއެކު، އެކަން އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުން މުހިއްމު ކަމަށެވެ. އަދި ރައްޔިތުން ވެސް އެގޮތަށް އަމަލު ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އޭގެ އިތުރުން، ކޭސްތައް ކޮންޓްރޯލްނުވެ، ޙާލަތު އިތުރަށް ގޯސްވަމުން ދާނަމަ، މިހާރު ހުރިވަރަށްވުރެ ފިޔަވަޅުތައް ހަރުކަށިކޮށް، އެހެން ގޮތެއް ހޯދަން ޖެހިދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ ކުރިން މާލެ ސަރަޙައްދު ލޮކްޑައުން ކުރިއިރުވެސް ގިނަ މައްސަލަތަކެއް ފެންމަތިވިއެވެ. އެގޮތުން އާންމު ރައްޔިތުން ވެސް އެކަމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނުއިރު، ވިޔަފާރިތައް އިނދަޖެހި، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ވެސް މުޖުތަމައުގެ ތެރެއިން ފެންމަތިވެގެން ދިޔައެވެ. ނަމަވެސް ލޮކްޑައުންއާއެކު، ކޭސްތަކުގެ އަދަދު ރާއްޖެއިން އޭރު ކޮންޓްރޯލް ވެސް ކުރެވިގެން ދިޔަ މަންޒަރު ފެނުނެވެ.

މާލެ ސަރަޙައްދުން ފެންނަމުންދާ ކޭސްތައް އިތުރުވެފައިވުމާއެކު، މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން އިރުއޮއްސި 0600ން ފެށިގެން ފަތިހު 0600ށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއި، މަގުމަތީގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ރޭގަނޑު 11ން ފެށިގެން ފަތިހު 0400ށް ކާފިއުވެސް ހިންގަމުން ދެއެވެ.

- ކޮމެންޓް
13 ފެބްރުއަރީ 2021 | ހޮނިހިރު 23:32
ދިވެހިމީހާ
އަޅެ ކޮން ފިޔަވަޅަކައްތަ ތަބާ ނުވަނީ؟ 8ކުން ގެޔައް ވަންނަން ބުނީމަ ވަނީ ގެޔަށް، 6ކޭ ބުނީމަ ވަނީ ގެޔަށް. އިދާރާތަކުން ކަންކަން ތަންފީޒު ނުކުރެވޭތީ ގޯސްވަނީ.