ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއަރ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަން ކުރައްވައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަނު ކުރައްވާފައިވަނީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި، ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަޙުސީނާ އިބްރާހީމެވެ. މި އޮފިސަރުންގެ ތެރެއިން ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީންއަކީ ސިފައިންގެ ކޯޕަރޭޓިވްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. އަދި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމަކީ ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ސިފައިންގެ ޤާނޫނު ނަންބަރު 2008/1 ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުން ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގައި ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް މަޝްވަރާ އާއި ލަފާ ދިނުމަށް ސިފައިންގެ ލަފާދޭ މަޖިލީހެއް އޮންނަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އޮފް ޑިފެންސް ފޯސް އެވެ.
މި މާއްދާގެ (ށ) ގައި ސިފައިންގެ އިދާރީ ކަންކަމުގެ ސިޔާސަތު ކަނޑައެޅުމުގައި މި މާއްދާގެ (ހ) ގައި ބުނެފައިވާ މަޖިލީހުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް ހަމައެކަނި މަޝްވަރާ ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ދިފާޢާ ސަލާމަތާބެހޭ ކަންކަން ކުރުމަށް މަސްއޫލުވާ ވުޒާރާގެ އެންމެ އިސް ވެރިންގެ ތެރެއިން މިނިސްޓަރަށް ފެންނަ ބަޔަކު ބައިވެރިކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެން ވެއެވެ.