ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރުގެ ސަބަބުން އާންމު މަސައްކަތްތެރިންނަށާއި އެފަރާތްތަކުގެ އައިލާތަކަށް ކުރިމަތިވި ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރލްޑް ބޭންކުން ރާއްޖެއަށް އިތުރު 21.6 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދޭން ނިންމައިފިއެވެ.
ވަރލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ފައިސާއިން ދިވެހި ސަރުކާރުން މިހާރު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް އެހީވާނެކަމަށެވެ. ވަރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރުގެ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް ތާއިދުކޮށް ފާއިތުވި އަހަރުގެ ޖޫން މަހު މި ޕްރޮޖެކްޓަށް 12.8 މިލިއަން ޑޮލަރު ފަންޑުކޮށްދީފައެވެ.
މީގެ ސަބަބުން ދިވެހި ސަރުކާރުގެ އިންކަމް ސަޕޯޓް އެލަވަންސް ސްކީމް ދިގުދައްމާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަރލްޑް ބޭންކުން ބުނެއެވެ.
ވަރލްޑް ބޭންކުން ރާއްޖެއަށް ފޯރުކޮށްދޭ މި 21.6 މިލިއަން ޑޮލަރުގެ އެހީއަކީ ވަރލްޑް ބޭންކްގެ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (އައިޑީއޭ) މެދުވެރިކޮށް ފޯރުކޮށްދޭ އެހީއެކެވެ. މިއާއެކު ވަރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރުގެ އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް 34.4 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި 6.4 މިލިއަން ޑޮލަރުގެ ގްރާންޓް އެހީ އާއި 6.4 މިލިއަން ޑޮލަރުގެ ކްރެޑިޓް އެހީ ހިމެނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ތައާރަފްކުރި ފަހުން މިއަހަރުގެ ޖެނުއަރީ މަހުގެ 28ގެ ނިޔަލަށް 17,710 ފަރާތަކަށް 264.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ކޮންމެ މަހަކު ގިނަ ވެގެން ލިބޭނީ 5،000 ރުފިޔާއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެހީތެރިވުމަށް ވަރލްޑް ބޭންކުން ވަނީ ފާއިތުވި އަހަރުގެ އޭޕްރިލަ މަހުން ފެށިގެން ފައިސާގެ އެހީ ފޯރުކޮށްދޭން ފަށާފައެވެ. އެގޮތުން އޭޕްރިލް މަހު އެމެޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއަރޑްނެސް ޕްރޮޖެކްޓްގެ ދަށުން 7.3 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާއިރު، ޑިޒާސްޓަރ ރިސްކް މެނޭޖްމެންޓް ޑިވެލޮޕްމެންޓް ޕޮލިސީ ފައިނޭންސިންގެ ދަށުން ކޮންޓިންޖެންސީ ފައިނޭސްގެ ގޮތުގައި 10 މިލިއަން ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ. އަދި ޕެންޑަމިކް އެމެޖެންސީގެ ގޮތުގައި 952،000 ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ.
ވަރލްޑް ބޭންކުގެ އެހީގައި 10 ހަރަކާތެއް މިހާރުވެސް ރާއްޖޭގައި ކުރިއަށް ގެންދާއިރު، އެއީ 148 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެވެ.