ގއ. މާމޭންދޫގައި ހިންގި މާރާމާރިއާ ގުޅިގެން މިހާތަނަށް ފަސް މީހުން ހައްޔަރުކޮށް، ތިން މީހުންނަށް ކޯޓުން މުއްދަތު ޖަހާފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުން ބުނީ މި މާރާމާރިއާ ގުޅިގެން ފެބްރުއަރީ 8 ވަނަ ދުވަހު ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައިވާކަމަށެވެ. އަދި އަނެއް މީހާއަށް ޖަހާފައި ވަނީ 10 ދުވަހުގެ މުއްދަތެއް ކަމަށް ފުލުހުން ބުނެއެވެ.
ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ މީހަކާއި އުމުރުން 23 އަހަރުގެ މީހެއްގެ އިތުރުން އުމުރުން 18 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މާރާމާރީގައި މަރުވި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމުގެ ތައްޔާރީތައް ފަށާފައިވާއިރު، ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ފުލުހުން ދަނީ ތައްޔާރުވަމުންނެވެ. އަދި އެކަމަށްޓަކައި އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.
ފުލުހުންގެ ކޮމިޝަނަރ މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ޙާދިސާގައި އުދައްޔު ނިޔާވެފައިވާއިރު، ޒަޙަމްވި ދެވަނަ ކުއްޖާގެ ޙާލު ވެސް ސީރިއަސް ކަމަށެވެ.
މި މައްސަލަ މިހާރު ބަލަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮރގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ. އަދި މިއީ 2019 ވަނަ އަހަރުގެ ފަހުން ގްރޫޕް މާރާމާރީއެއްގައި މީހެއްގެ ފުރާނަ ދިޔަ ފުރަތަމަ ފަހަރެވެ.