ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ކޮވިޑް-19 ވެކްސިން ޖަހައި ވެކްސިން ޓޫރިޒަމް ހިންގާ ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ތިން "ވީ" (ވިޒިޓް، ވެކްސިން އަދި ވެކޭޝަން) ޓޫރިޒަމް ރާއްޖޭގައި ކުރިއަށް ގެންދިއުމުގެ ވިސްނުން އެބައޮތް ކަމަށެވެ. އެގޮތުން ވެކްސިނުގެ ޑަބަލް ޑޯޒް ޖަހަން ޖެހުމުން މީގެ ފައިދާ ފަތުރުވެރިކަމަށް ކުރާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ފުރަތަމަ ޑޯޒް އާއި ދެވަނަ ޑޯޒުގެ ދެމެދުގައި ތިން ހަފުތާ އާއި ހަތަރު ހަފުތާގެ މުއްދަތެއް ހޭދަކުރަން ޖެހޭއިރު، މިކަމުގެ ސަބަބުން ރާއްޖެ އައިސް ވެކްސިން ޖަހާ ފަތުރުވެރިން ރާއްޖޭގައި މަދުވެގެން ތިން ހަފުތާ ހޭދަކުރާނެ ކަމަށެވެ. އެހެންކަމުން ދިގު މުއްދަތަކަށް ފަތުރުވެރިން ރާއްޖޭގައި ތިބުން ވެގެންދާނީ ފަތުރުވެރިކަމަށް ފައިދާކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ރިސޯޓު މުވައްޒަފުންނަށާއި، ރެޕުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާއި، ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް ވެކްސިން ދިނުމަށް ވަނީ ފަށާފައެވެ. އަދި ރިސޯޓު މުވައްޒަފުންނަށް ވަކި ތަނަކަށް ނުގޮސް، ރިސޯޓުގައި ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވެކްސިން ޖެހުމުގެ ފުރަތަމަ ފޭސްގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތުގައި ފަތުރުވެރިންނާއި ގާތުން މަސައްކަތްކުރާ 10،000 މުވައްޒަފުންނަށް ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ.
މިނިސްޓަރ ވިދާޅުވީ ވެކްސިން ޖެހުން އެއީ ފަތުރުވެރިކަމުގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ލިބޭ އިތުރު ފައިދާއެއް ކަމަށެެވެ.
މީގެ ކުރިން މިނިސްޓަރ ވަނީ ދުނިޔޭގެ ޓޫރިޒަމުގެ ސިނާއަތް އަލުން ފަށައި ކޮޅަށް ޖަހަން މަސައްކަތްކުރާއިރު، ވެކްސިން ސެޓިފައިޑް ޓޫރިޒަމާއެކު ދުނިޔޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ޖެހިލާނެ ކަމަށާއި، މިކަން ހާސިލުކުރުމަށްޓަކައި ރާއްޖެއިން ޔޫއެންޑަބްލިއުޓީއޯ އަދި އެހެނިހެން ގައުމުތަކާއެކު ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ.
އެހެން ނަމަވެސް ވެކްސިން ހޯދުމުގައި ހުރި ދަތިތަކާއި އެކު ސަރުކާރުގެ އަމާޒަކީ ފުރަތަމަ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުނަށް ވެކްސިން ދިނުން ކަމުން، ވެކްސިން ޓޫރިޒަމް ރާއްޖޭގައި އަދި ފެށޭގޮތް ނުވެއެވެ.