ފަތުރިވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 61 ރަށް އަދިވެސް ތަރައްގީކޮށް ނުނިމޭކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫ ވިދާޅުވީ ފަތުރިވެކަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން 61 ރަށާއި 24 ފަޅު ތަރައްގީނުކުރެވި އެބަ އޮތް ކަމަށެވެ.
ފަޅުތަކުގެ ތެރެއިން ފަސް ފަޅެއް މިހާރު ހިއްކާފައިވާއިރު، ފަސް ފަޅެއް ހިއްކުމުގެ އެކި މަރުހަލާގެ މަސައްކަތްކުރިއަށް ދާކަމަށާއި 14 ފަޅެއް އަދިވެސް އޮތީ ކަނޑު އަޑީގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މިތަންތައް ނުހެދި މިހާ ގިނަ ދުވަސްވުމަކީ ދައުލަތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ފާސްކުރެވިގެން ދިޔަ ޓޫރިޒަމްގެ ބިލާއިއެކު މިހާރު މިރަށްތަކާއި ފަޅުތައް ތަރައްގީކުރުމުގެ މަސައްކަތް މަޑުމަޑުން ފެށިފައިވާ ކަމަށާއި މާރޗް މަސް ނިމޭއިރު، މި ހުރިހާ ރަށަކާއި ފަޅެއް ދޫކުރެވިފައިވާ ފަރާތްތަކާއި ބައްދަލުކޮށް މި ރަށްތައް ތަރައްގީކުރުމަށް ތާވަލެއް އެކުލަވާލެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މިތަންތަން އަވަހަށް ތަރައްގީކޮށް ކުރިއަށް މިއޮތް ތިން އަހަރުގެ ތެރޭގައި މިރަށްތައް ތަރައްގީކޮށް ނިންމައި ވުޖޫދަށް ގެންނަސް، ދައުލަތަށް ލިބެންވާ އާމްދަނީ ލިބޭނެ ގޮތް ހެދުމަށްކަމަށެވެ.
މިހާރު ގެނެވިފައިވާ ބަދަލުތަކާ އެކު ގިނަ އަދަދެއްގެ ރަށްތައް ވުޖޫދަށް އަންނަ އިރު، ކުރިން ހުރި އަގުތައް ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެރަށްތައް ހަދަން ފެށުމުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މީހުން ދިރިއުޅޭ ރަށްރަށް ކައިރީގައި ރަށްތައް ތަރައްގީކުރެވުމުން ވަޒީފާގެ ފުރުސަތައް އިތުރުވެ، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މައުސޫމް އިތުރަށް ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ އިޤްތިޞާދު ހިނގައިގަނެ، ރަށްތައް ހުޅުވި ވަޒީފާތައް އިތުރުވެގެން ދިއުން ކަމަށެވެ.