ކ. މާލެ
|
10 ފެބްރުއަރީ 2021 | ބުދަ 09:28
ގއ. އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް މެންބަރުންނާއި މުވައްޒަފުން
ގއ. އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް މެންބަރުންނާއި މުވައްޒަފުން
ގއ. އަތޮޅު ކައުންސިލް
ގއ. އަތޮޅު ކައުންސިލް އިދާރާގެ އޮޑިޓް
ގއ. އަތޮޅު ކައުންސިލްގެ އާމްދަނީން އެ އޮފީހުގެ މުވައްޒަފުންނަށް މަންފާލިބޭ ގޮތަށް ކްރެޑިޓް ސްކީމެއް ހަދާފައި!
މަންފާ ސްކީމުގެ ދަށުން 17 މުވައްޒަފަކަށް 484،306 ރުފިޔާ ދޫކޮށްފައިވޭ
މިއީ މުޅި ދާއިރާއަށް ފައިދާ ލިބޭގޮތަށްވުރެ ބޮޑަށް ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ކޮށްފައިވާކަމެއްގެ ގޮތުގައި އޮޑިޓްގައި ފާހަގަކޮށްފައިވޭ
މަންފާ ސްކީމުން 2019 ވަނަ އަހަރުގެ ތެރޭގައި އަނބުރާ ލިބިފައިވަނީ 77،313 ރުފިޔާ

ގއ. އަތޮޅު ކައުންސިލް އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާއިން އެ އޮފީހުގެ މުވައްޒަފުންނަށް މަންފާ ލިބޭގޮތަށް ކްރެޑިޓް ސްކީމެއް ތައާރަފްކޮށް ބައި މިލިއަނެއްހާ ރުފިޔާ 17 މުވައްޒަފަކަށް ދޫކޮށްފައިވާ ކަމަށް ގއ. އަތޮޅު ކައުންސިލްގެ 2019 ވަނަ އަހަރު އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ "މަންފާ ސްކީމް" ގެ ނަމުގައި ސްކީމެއް ތައާރަފްކޮށް އެ ސްކީމުގެ ފައިދާ ލިބިފައިވަނީ ހަމައެކަނި އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށެވެ. އޮޑިޓްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކައުންސިލުން ބޭނުންކުރަންވާނީ މުޅި އިދާރީ ދާއިރާގެ ލާބަ އާއި މަންފާއަށެވެ.

އެގޮތުން އަތޮޅު ކައުންސިލްގެ 86 ވަނަ ބައްދަލުވުމުގައި އިދާރީ މުވައްޒަފުންނަށް އެކަނި ހާއްސަކޮށްގެން ކައުންސިލްގެ އާމްދަނީގެ 10 އިންސައްތަ ބޭނުންކުރާ ގޮތަށް " މަންފާ ސްކީމް" ގެ ނަމުގައި ސްކީމެއް ތައާރަފްކޮށްފައިވާ ކަމަށާއި، މި ސްކީމުގެ އުސޫލު 92 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެކިއެކި ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކުގެ ކްރެޑިޓް ސްކީމަށް އެދުމުގެ ފުރުސަތު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ވީނަމަވެސް 2019 ވަނަ އަހަރުގެ ތެރޭގައި ކައުންސިލް އިދާރާގެ 17 މުވައްޒަފަކަށް މަންފާ ސްކީމްގެ ދަށުން 484،306 (ހަތަރުލައްކަ އަށްޑިހަ ހަތަރުހާސް ތިންސަތޭކަ ހައެއް) ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ދޫކޮށްފައިވާ ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް މިގޮތަށް އާމްދަނީގެ 10 އިންސައްތަ ހަމައެކަނި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ބޭނުންކުރެވޭނެ ގޮތަށް އޮތުމުން މި ސްކީމަކީ މުޅި އިދާރީ ދާއިރާގެ ލާބައާއި މަންފާއަށް ކޮށްފައިވާކަމެއް ނޫން ކަމަށް އޮޑިޓުގައި ބުނެފައިއެވެ. އެހެންކަމުގައިވާނަމަ މި ކަމަކީ ވަކި ބަޔެއްގެ މަންފާއަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވެއެވެ.

މިކަން އިސްލާހުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވާ ގޮތަކީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް، މުޅި އިދާރީ ދާއިރާގެ ލާބައާއި މަންފާއަށް ބޭނުންކުރުމަށެވެ.

މަންފާ ސްކީމުގެ ނަމުގައި ސްކީމެއް ތައްޔާރުކޮށް އެކުލަވާލާފައިވާ އިރު، އެ ލިޔެކިޔުމެއް ކައުންސިލް އިދާރާގެ ވެބްސައިޓުގައި ފެންނަން ނެތެވެ. އަދި ނިންމުންތައް ވެބްސައިޓުން ފެންނަން ނެތް އިރު، މުޅި ދާއިރާގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމެއްގައި މި ޚަރަދުތައް ހިނގާފައިވާ ގޮތެއް އާންމުކޮށް ފެންނަން ނެތްކަން ފާހަގަ ކުރެވެއެވެ. އަދި 2019 ވަނަ އަހަރު ބައި މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާ އިރު، މީގެ ތެރެއިން އަނބުރާ ލިބިފައިވަނީ 77،313 ރުފިޔާއެވެ.

- ކޮމެންޓް
10 ފެބްރުއަރީ 2021 | ބުދަ 09:39
ޕިންކް ކުލަ
ބަނޑުއަޅާލީ ދޯ... ކީއްކުރާނީ. ދަސްކޮށްދޭ ގޮތް ވި އާ ޔާާ