މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުން ބުދަ ދުވަހު ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ބުދަ ދުވަހުގެ ހެނދުނު 09:00 ގައި 45 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފަށާނެއެވެ.
އެޗްޕީއޭއިން ބުނީ ވެކްސިން ދޭން ނިންމާފައިވަނީ އެ އުމުރުފުރައިގެ ތެރެއިން ވަކި ބަލިތަކެއް ހުންނަ މީހުންނަށެވެ. އެގޮތުން ހަކުރު ބަލި ހުންނަ މީހުންނާއި ހިތުގެ ބަލި ހުންނަ މީހުންނާއި ސްޓްރޯކް ޖެހުންފަދަ ބަލި ހުންނަ މީހުންނާއި ކިޑްނީ ބަލިތައް ހުންނަ މީހުންނާއި ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދީފަޢީބާރު ދަށްވެފައިވާ މީހުންނަށް ވެސް ވެކްސިން ދޭން ނިންމާފައިވެއެވެ. މީގެ އިތުރުން ދިގު މުއްދަތަކަށް ފުރަމޭގެ ބަޔެއްގެ ތަހައްމަލުކުރަމުންދާ މީހުންނާއި އިސްކޮޅާއި އަޅާބަލާއިރު ބަރުދަން މަތި މީހުންނާއި ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ނިންމާފައެވެ.
ވެކްސިން ޖަހަންދާއިރު ސަމާލުކަންދޭން ޖެހޭ ވަކި ކަންތައްތަކެއް ބަޔާންކޮށް އެޗްޕީއޭ އިން ބުނީ އައިޑީކާޑު ނުވަތަ ކާކުކަން އިނގޭ ރަސްމީ ލިޔުމެއް ގެންދަންވާނެ ކަަމަށާއި ކޮވިޑް-19ގެ އެެއްވެސް އަލާމާތެއް ނެތުމާއި ކަރަންޓީންގައި ހުރި މީހަކަށް ނުވުމުގެ އިތުރުން ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުމަށް ވެސް ވަނީ އެދިފައެވެ. އަދި ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުމާއި އަމިއްލަ ފެންފުޅިއެއް ގެންދިޔުމާއި ވެކްސިން ޖަހަންދާއިރު އެކުގައި އެކަަކަށްވުރެ ގިނަ މީހުން ނުގެންދިޔުމާއި ބޭނުންކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިޔުން ވެސް މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ވެކްސިން ޖެހުމުގެ ކަންތައްތައް ސޯޝަލް ސެންޓަރުން 9:00ން 17:00ށް އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް) 9:00ން 17:00ށް އަދި ވިލިމާލެ ޔޫތު ސެންޓަރުން 9:00ން 13:00ށް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖެއިން މިހާތަނަށް 16،251 މީހުން ކޮވިޑް-19 ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން 13،418 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވަނީ ޖުމްލަ 2،833 މީހުންނެވެ.