ކ. މާލެ
|
9 ފެބްރުއަރީ 2021 | އަންގާރަ 18:30
ކުރީގެ ނައިބްރައީސް ޑރ މުޙައްމަދު ޖަމީލް އަހުމަދު ވެކްސިން ޖައްސަވަނީ
ކުރީގެ ނައިބްރައީސް ޑރ މުޙައްމަދު ޖަމީލް އަހުމަދު ވެކްސިން ޖައްސަވަނީ
ޓްވިޓަރ
ޑރ ޖަމީލް ވެކްސިން ޖެއްސެވުން
އިދިކޮޅު ފަރާތްތަކަށް ކޮވިޝީލްޑް ވެކްސިނަށް އޮތް އިތުބާރު ބޮޑުވަނީ، ޑރ ޖަމީލްވެސް ވެކްސިން ޖައްސަވައިފި
ހުރިހާ ރައްޔިތުން ވެކްސިން ޖެއްސެވުމަށް ޑރ ވަޙީދުވެސް އިލްތިމާސް ކުރެއްވި
ހުރިހާ ރައްޔިތުންގެ ދިރިއުޅުމަށްވެސް މި ވައިރަސްގެ ސަބަބުން އަސަރު ކޮށްފައިވޭ
ވެކްސިން ރައްކާތެރި ނޫން ކަމަށް އިދިކޮޅުން ދަނީ ބުނަމުން

ކުރީގެ ނައިބްރައީސް އަދި ރައީސް އަބްދުﷲ ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ މުހައްމަދު ޖަމީލް އަހުމަދުވެސް ކޮވިޝީލްޑް ވެކްސިން ޖައްސަވައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރކަމުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ޑރ ޖަމީލް އަންގާރަ ދުވަހު ވެކްސިން ޖައްސަވާފައިވާ ފޮޓޯ މީސްމީޑިއާގައި ވައިރަލްވަމުންދާއިރު، މިއިން ދައްކުވައިދެނީ އިދިކޮޅު ފަރާތްތަކުންވެސް ވެކްސިނާމެދު އިތުބާރު ބޮޑުވަމުންދާ މަންޒަރުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ދާދި ފަހުން ކުރީގެ ނައިބްރައީސް އަދި އިދިކޮޅު ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކުވެސް ވެކްސިން ޖައްސަވާފައިވާއިރު، އެމަނިކުފާނުވެސް ވަނީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެއްސެވުމަށް އިލްތިމާސް ކުރައްވާފައެވެ.

ވެކްސިން ޖެއްސެވިކަން ހާމަކުރައްވައި ޑރ ވަޙީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުންވެސް ކޮވިޑް ވެކްސިން ޖައްސަވާފައިވާ ކަމަށެވެ. އަދި ކޮވިޑް-19އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާއަކަށްވާއިރު، މިހާރުވެސް މި ވައިރަސްގެ ސަބަބުން އެތަކެއް ފުރާނައެއް ގޮސްފައިވާކަން ޑރ ވަޙީދު ފާހަގަ ކުރެއްވިއެވެ.

ކުރީގެ ރައީސް ޑރ. ވަހީދާއި އަނބިކަނބަލުން ވެކްސިން ޖެއްސެވުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ފޮޓޯ

އޭގެ އިތުރުން، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް)ވެސް ހޯމަ ދުވަހު ވެކްސިން ޖައްސަވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެކަން ކަށަވަރުކުރުމަށް ގުޅާލުމުން ސަލީމް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

އިދިކޮޅު ކޯލިޝަނުން ގެންދަނީ މި ވެކްސިނަކީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނަކަށްވުމާއެކު، ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންނެވެ. އެގޮތުން މި ވެކްސިނަކީ އެންމެ ރައްކާތެރި ވެކްސިނެއް ނޫންކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދިޔަ ނަމަވެސް، އެކަމުގެ އެކަށީގެންވާ ހެއްކެއް އެ ފަރާތްތަކަށް ދެއްކެވިފައެއް ނުވެއެވެ. އަދި ވެކްސިނާ ގުޅޭގޮތުން ސީދާ ދޮގު މައުލޫމާތުވެސް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ގެންދަނީ މީސްމީޑިއާގައި ފަތުރަމުންނެވެ.

އެސްޓްރަޒެނެކާގެ ފޯރމިއުލާއަށް ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިމިވާ ވެކްސިނަކީ އާންމު ރެފްރިޖްރޭޝަން ފިނިހޫނުމިނުގައިވެސް ބޭނުން ކުރެވޭ ވެކްސިނެކެވެ. އެގޮތުން 1 ފެބްރުއަރީގައި ރާއްޖޭގައި ރަސްމީކޮށް ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، ދައުލަތުގެ 3 ބާރުގެ އިސްވެރިންވެސް ވަނީ މި ވެކްސިން ޖައްސަވާފައެވެ.

- ކޮމެންޓް