ކ. މާލެ
|
9 ފެބްރުއަރީ 2021 | އަންގާރަ 13:59
ނޫސްވެރިޔާ ރިޟްވާން ގެއްލުނު ރޭ ފެނުނު ވަޅި، މިވަޅިއާ ބެހޭ މަޢުލޫމާތު ހިއްސާކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ އިނާމެއް ދޭނެ
ނޫސްވެރިޔާ ރިޟްވާން ގެއްލުނު ރޭ ފެނުނު ވަޅި، މިވަޅިއާ ބެހޭ މަޢުލޫމާތު ހިއްސާކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ އިނާމެއް ދޭނެ
މަރު ކޮމިޝަން
ރިލްވާންގެ މަރާ ގުޅިގެން ފެނުނު ވަޅި ބޭރަށް ފޮނުވައިގެން ތަހުލީލު ކުރަނީ، އެއީ މުހިންމު ހެއްކެއް: މަރު ކޮމިޝަން
ރިލްވާން މަރާލި ރޭ ކަންތައްތައް ހިނގައިދިޔަ ގޮތް އެނގޭނެ ފަރާތްތައް އާންމުންގެ ތެރޭގައި ތިބޭނެ ކަމަށް ކޮމިޝަނަށް ޤަބޫލު ކުރެވޭ

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލު ކުރަމުންދާ ކަމަށް މަރުކޮމިޝަނުން ބުނެފިއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ އެ ވަޅި އަކީ ކޮމިޝަންގެ ތަހުގީގަށް މިހާރު ވަރަށް މުހިންމު ހެއްކެއް ކަމަށެވެ. ރިލްވާން މަރާލި ރޭ ކަންތައްތައް ހިނގައިދިޔަ ގޮތް އެނގޭނެ ފަރާތްތައް އާންމުންގެ ތެރޭގައި ތިބޭނެ ކަމަށް ކޮމިޝަނަށް ޤަބޫލު ކުރެވޭ ކަމަށާއި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ވެސް މިސްބާހު ވަނީ އެދިވަޑައިގެންފައެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ ކޮމިޝަނުން ބަލަމުންދާ އެކި އެކި މައްސަލަތަކާ ގުޅިގެން 11 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. އަނިޔާވެރިކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ކިތައް މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް އަދި ދަންނަވަން ދަތިކަމަށް މިސްބާހު ވިދާޅުވިއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު ރޭ ފެނުނު ވަޅިއާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ކޮމިޝަނުން ވަނީ އެދިފައެވެ. ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަހުގީގުކުރަމުންދާ ރިޟްވާންގެ މައްސަލައާ ގުޅޭ ގޮތުން ސާބިތުހިފޭވަރުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000ރ (ފަސްލައްކަ ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަރާލާވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާން ގެއްލުނު ރޭ ފެނުނު ވަޅީގެ ފޮޓޯ އާންމުކޮށްފައެވެ. އެކޮމިޝަނުން ބުނީ އެވަޅިއަކީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، މ. ޝައިނިންގސްޓާރ، ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓު ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއް ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަޤީންކަން ކޮމިޝަނުން ދީފައިވާއިރު، މަޢުލޫމާތު ދިނުމަށް ބޭނުންވާ ފަރާތްތަކުން، ކޮމިޝަނަށް ހާޟިރުވެ ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅައިގެން ވެސް މަޢުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ރިޔާސީ ކޮމިޝަނުން ދީފައިވެއެވެ. އަދި ހަމަ އެ ނަންބަރުން ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށް ވެސް މަޢުލޫމާތު ހިއްސާކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

- ކޮމެންޓް