ކްރިމިނަލް ކޯޓުގައި ތާވަލު ކުރެވޭ މައްސަލަތަކުގެ ތެރެއިން 56 އިންސައްތަ މައްސަލަ ކެންސަލްވީ އިދާރީ ސަބަބުތަކާހުރެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 01 ނޮވެމްބަރު 2019ން ފެށިގެން 31 އޮކްޓޯބަރު 2020 ގެ ނިޔަލަށް 7850 މައްސަލައެއް ތާވަލު ކޮށްފައިވާއިރު، އޭގެ ތެރެއިން 4424 މައްސަލައެއްގެ އަޑުއެހުން ވަނީ ކެންސަލްވެފައެވެ. އެއީ ތާވަލު ކުރެވިފައިވާ މައްސަލަތަކުގެ 56 އިންސައްތައެވެ.
އޭގެ އިތުރުން، މި މުއްދަތުގެ ތެރޭގައި އިތުރު 985 މައްސަލައެއްވެސް ކްރިމިނަލް ކޯޓަށް ހުށައެޅިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން 1711 މައްސަލައެއް ނުނިމިހުރިއިރު، 248 މީހުން އެ މައްސަލަތަކާއި ގުޅިގެން ބަންދުގައި ތިބިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޑީޖޭއޭއިން މައުލޫމާތުދޭ ގޮތުގައި ކެންސަލްވެފައިވާ އަޑުއެހުންތަކުގެ ތެރެއިން 56 އިންސައްތަ މައްސަލަ ކެންސަލްވެފައިވަނީ އިދާރީ ސަބަބުތަކާހެދިއެވެ. އެގޮތުން އިދާރީ ސަބަބުތަކާހެދި 2502 އަޑުއެހުމެއް ކެންސަލްވެފައިވާއިރު، ދައުވާލިބޭ ފަރާތާއި ގުޅިގެން 510 އަޑުއެހުމެއް ކެންސަލްވެފައިވެއެވެ. ހަމައެއާއެކު، ދިފާއީ ވަކީލާ ގުޅިގެން 364 މައްސަލައެއް ކެންސަލްވެފައިވާއިރު، ހެކިންނާއި ގުޅުންހުރި 116 އަޑުއެހުމެއް ކެންސަލްވެފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ތާވަލު ކުރެވުނު މައްސަލަތަކުގެ ތެރެއިން ކުރިއަށް ގެންދެވިފައިވަނީ 3426 މައްސަލައެކެވެ.