ދިރާގުގެ ފްރަންްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް ހޮނިހިރު ދުވަހު ދީފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ދިރާގުން ބުނީ ފްރަންޓްލައިން މުވައްޒަފުންނަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ދިރާގުގެ ބައެއް މުވައްޒަފުން ރެޖިސްޓަރކޮށް، މިއަދު ވެކްސިން ޖަހާފައިވާ ކަމަށެވެ. އެހެންނަމަވެސް ވެކްސިން ޖަހާފައިވަނީ ކިހާ އަދަދެއްގެ މުވައްޒަފުންނަށް ކަމެއް ދިރާގުން ހާމައެއް ނުކުރެއެވެ.
ކޮވިޑްގެ ތިން ވަނަ ރާޅުގައި ވެސް ފްރަންޓްލައިން އިންޖިނިއަނަރުންނާއި ޓެކްނީޝަނުން ގޭގެއަށް ޒިޔާރަތްކޮށް ޚިދުމަތް ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށް ދިރާގުން ބުނީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑާއަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސިއްޙަތާއި ރައްކާތެރިކަމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރާއްޖޭގައި މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ދިރާގުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.