ރާއްޖެއިން ކޮވިޑް-19އަށް ވެކްސިން ޖަހަން ފަށައި ހަ ދުވަހުގެ ތެރޭގައި 6،000ށް ވުރެ ގިނަ މީހުން ކޮވިޑް-19 ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ފެބްރުއަރީ ހަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން 6،854 މީހުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 5،588 މީހުންނާއި އަތޮޅުތެރޭގެ އެކި ރަށްރަށުން ވެކްސިން ޖެހި 1،266 މީހުންނެވެ.
އެގޮތުން ފެބްރުއަރީ ހަ ވަނަ ދުވަހު އެކަނި 2،575 މީހުން ވެކްސިން ޖަހާފައިވާއިރު، މީގެ ތެރެއިން 2،015 މީހުން ވެކްސިން ޖަހާފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި 560 މީހުން ވެކްސިން ޖަހާފައި ވަނީ ރަށްރަށުންނެވެ.
ފެބްރުއަރީ އެއް ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ޖަހަން ފަށާފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ޖަހަން ފެށީ ސިއްހީ ހިދުމަތްތެރިންނަށާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އޭގެ ފަހުން އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާފައިވާއިރު، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ވަނީ ފަށާފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ކޮވިޑް-19 ވެކްސިންދޭން ވަނީ ފަށާފައެވެ.
މިހާތަނަށް ރާއްޖެއިން އެމަޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަދީފައިވަނީ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނަށެވެ. ފުރަތަމަ ވެކްސިން ދޭން ފެށިއިރު، ރައްޔިތުންގެ މެދުގައި ވެކްސިނާއި މެދު ޝައްކުތަކެއް ހުރި ނަމަވެސް ދުވަހަކަށް ވުރެ ދުވަހެއް ވެކްސިން ޖަހާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.